ހުޅުމާލޭގައި ނިންމުމުގެ މަސައްކަތް ކުރަމުންދާ މިސަރުކާރުގެ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކު އެކަމާ ހިތްހަމަނުޖެހިގެން ބަޔަކު ޕްލޭނިން މިނިސްޓްރީ ތެރެއަށް ވަދެ އިހްތިާޖު ކުރަން ފަށައިފި އެވެ.
މިނިސްޓްރީގައި ތިބި މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ 4،000 މީހުން ކަނޑައެޅި ގޮތާއި ފްލެޓަށް ފޯމު ހުށަހެޅި އެންމެންގެ ދިރިއުޅުމުގެ ހާލަތު ނުބަލައި މާކްސް ދީފައިވާ ގޮތް ސާފު ނުވުމެވެ.
ޕްލޭނިން މިނިސްޓްރީގައި ހުރި އަންހެނަކު ބުނީ އޭނާގެ ދިރިއުޅުމުގެ ހާލަތު ބެލި ކަމަށާއި ނަމަވެސް މާކްސް ދީފައިވާ ގޮތުން ސުވާލު އުފެދޭ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.
"ކުރިން ހިޔާ ފްލެޓަށް ފޯމު ލައިގެން އޭރު އަޅުގަނޑަށް ލިބުނީ 76 ޕޮއިންޓް. މިފަހަރު މި ލިބުނީ 73 ޕޮއިންޓް. އެހެންވެ އަޅުގަނޑު މިއަހަނީ އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވީތޯ،" އެމީހާ ބުންޏެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި މިހާރު ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުން އެނގޭ ގޮތަށް ދާއިމީ ލިސްޓް އާންމުކުރީ އިއްޔެގެ ވަގުތެއްގައެވެ.
ޕްލޭނިން މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.
އިއުލާންގައި ބުނެފައިވަނީ 4،000 ފުލެޓްގެ ތެރެއިން ފުލެޓް ލިބޭ މީހުންނަށް ލިބޭ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށެވެ. ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އެންގުމަށް ވަނީ ހަމަޖެހިފަ އެވެ.
ލިސްޓް އާންމުކުރުމާ އެކު އާންމުންގެ ޝަކުވާތައް ފުނިޖެހުމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ރަސްމީކޮށް ހުޅުވާލާފަ އެވެ.