ޓޫރިޒަމް

އިފުރު ރިސޯޓުގައި ސްކައިޑައިންވިންގެ ހިދުމަތް ފަށަނީ

ރ. އިފުރުގައި ތަރައްގީކޮށްފައިވާ އިފުރު އައިލޭންޑް ރިސޯޓުގައި ފަތުރުވެރިންނަން ސްކައިޑައިވިންގެ ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެ އެވެ. މިއީ ރާއްޖޭގެ ރިސޯޓަކުން ސްކައިޑައިވިންގެ ހިދުމަތް ފަތުރުވެރިންނަން ދޭން ތައްޔާރުވަމުންދާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ސެޕްޓެމްބަރުގައި ހުޅުވި އިފުރު އައިލޭންޑް ރިސޯޓުން ވަނީ ސެސްނާ 208 ބީ މަރުކާގެ ބޯޓެއް ވެސް މިކަަމަށް އިނގިރޭސިވިލާތުން ގެނެސްފަ އެވެ.

މިދިޔަ ހުކުރު ދުވަހު ގެނައި މި ބޯޓަކީ ސްކައިޑައިވިންއަށް ހާއްސަ ހުރިހާ އާލާތެއް އެކުލެވޭ ބޯޓެކެއެވެ.

އިފުރުގައި ސްކައިޑައިވިންގެ ހިދުމަތް ދެނީ އިނގިރޭސިވިލާތުގެ އެލީޓް އިންޑޯ ސްކައިޑައިވިން ކުންފުނި -- އައިފްލަން ލަންޑަނާ ގުޅިގެންނެވެ.

އިފުރުގައި ސްކައިޑައިވިން ހަރަކާތްތައް ކުރިއަށް ގެންދާނީ އެ ދާއިރާއިން 20 އަހަރުގެ ތަޖުރިބާ ހުރި އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިލް ޕެނީއާ އިސްކޮށް ހުރެގެންނެވެ.

އިފުރު އައިލެންޑް ރިސޯޓުން ސްކައިޑައިވިން ތައާރަފުކުރުމާ އެކީ މި މަހުން ފެށިގެން އަންނަ އަހަރުގެ މާޗާ ހަމައަށް ޓޫރިސްޓުނަށް މުޅިން ހިލޭ ސްކައިޑައިވިންގެ ހިދުމަތް މިވަގުތަށް ލިބޭނެ އެވެ.

އިފުރު އައިލެންޑް ރިސޯޓަކީ 147 ވިލާގެ ލަގްޒަރީ ރިސޯޓެކެވެ. އެކި ގައުމުތަކުގެ ކެއުން ލިބޭ ހަ ރެސްޓޯރަންޓަކާއި، ހަތަރު ބާގެ އިތުރުން ފަތުރުވެރިންގެ ހިތްހަމަޖެހުމާއި ދުޅަހެޔޮކަމަށް ހާއްސަ ވަސީލަތްތަކާއި އަދި ސްކައިޑައިވިން ޑްރޮޕްޒޯނެއްވެސް ހަދާފައިވެ އެވެ.

އިފުރުގައި ހަދާފައިވާ އެއާޕޯޓް ހަދައި ހިދުމަތް ދޭން ފެށީ މެއި 28، 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.