ޔަހޫދީ އަސްކަރިއްޔާއިން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކާ ދެކޮޅަށް ހަމާސްގެ އިތުރުން އިސްލާމިކް ޖިހާދާއި ލުބްނާންގެ ހިޒްބުﷲ އަދި ޔަމަނުގެ ހޫސީން ދަނީ ހަނގުރާމަކުރަމުންނެވެ.
ޣައްޒާ ހަނގުރާމާގައި ރަސްމީކޮށް ބައިވެރިވިކަން ހޫސީން އިއުލާންކުރުމާ ގުޅިގެން، ހަނގުރާމާގައި ބައިވެރިނުވަންތޯ ހިޒްބުﷲ އާ ސުވާލުކުރުމުން ބުނީ، ހަނގުރާމައި މިހާރު ވެސް އޮތް ބަޔަކު ހަނގުރާމާގައި އިތުރަށް ބައިވެރި ވާނީ ކިހިނެއްތޯ އެވެ.
ޔަހޫދިން ފޭރިގެންފައި އޮތް ފަލަސްތީންގެ ބިމުގައި ގާއިމުކޮށްފައި އޮތް ޔަހޫދީ ދައުލަތަށް މިހާރު އޮތް ނުތަނަވަސް ކަމަކީ، ހަތަރު ޖަމާއަތަކުން، ހަތަރު ދިމާއިން ޔަހޫދީ އާބާާދިތަކަށް ދެމުން ގެންދާ ހަމަލާތައް މަތަކުރުމެވެ.
އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިންނަށް ޔަހޫދީ އާބާދިތަކަށް ވަދެގަނުވުނު މައިގަނޑު ސަބަބަކީ ވެސް، ޔަހޫދީން ނަންކޮށްފައި އެ ބުނާ ފެންވަރު، އެ މީހުން ބޭނުންކުރާ މިސައިލް ޑިފެންސް ސިސްޓަމް -- އަޔަން ޑޯމްގައި ނެތުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލުބްނާން އަދި ޔަމަނުގެ ހޫސީން، ޔަހޫދީ އާބާދިތަކަށް ފޮނުވާ ހަމަލާތަކުން ބައެއް ހަމަލާތައް އަޔަން ޑޯމަށް މަތަކުރެވުނު ނަމަވެސް، ޔަހޫދީންގެ އަވަށްތަކަށް އަރާ ހަމަލާތައް މަދެއް ނޫނެވެ.
ޔަހޫދީން ހޯދާފައި ހުރި ޓެކްލޮނޮޖީގެ މޮޅުކަމާ އެކު ވެސް، އެ ވަސީލަތްތަކަށް ބަރޯސާކޮށްގެން މުޅިން ތިބެވެން ނެތްކަން ޔަހޫދީންނަށް މިހާރު އޮތީ އެނގިފަ އެވެ.
ހޫސީން ފޮނުވާ ކުރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް މަތަކުރުން އަޔަން ޑޯމަށް ނުކުޅެދިފައި ވާތީ ޔަހޫދީންނަށް މިހާރު ޖެހިފައި ވަނީ އެފް25އެސް މަރުކާގެ ފައިޓަރު ޖެޓުތައް ބޭނުންކޮށްގެން ވައިގެ ތެރޭގައި މިސައިލްތައް ގޮއްވާލާށެވެ.
ޔަހޫދީން ބުނީ މިއީ ވެސް އެ މީހުން އީޖާދުކުރި އާ ޓެކްނޮލޮޖީއެއް ކަމަށެވެ.
ޒަމާނީ ޓެކްނޮލޮޖީއާ ޒަމާނީ ހަތިޔާރު ހުއްޓެއް ކަމަކު ޔަހޫދީންނަށް އޮތް ބިރު ފިލައިގެނެއް ނުދެ އެވެ. ހައްތާހާ ވަނީ ބޮޑެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށް ބުނެ މުސްލިމުން މެރުމަށް އީޖާދުކުރާ ވަސީލަތްތަކާ އެކު ޔަހޫދީންނަށް އޮތް ނުތަނަވަސްކަން ވެސް ވަނީ އިތުރެވެ.
ޔަހޫދީންނަށް މިހާރު ޖެހިފައި އޮތީ އެއްގަމު މަގުން ޣައްޒާއަށް އަރައި ހަމާސްގެ ޒަމާން ދުއްވާލުމާއި ލުބްނާންގައި ތިބި ހިޒްބުﷲ ބަލިކުރުން އަދި ފައިޓާރު ޖެޓުތައް ފޮނުވައިގެން ހޫސީންގެ މިސައިލްތައް މަތަކުރާށެވެ.