ފިނިޕޭޖް

މިރޭ "ބިތުފަންގި" ނަގާއިރު ޑައިރެކްޓަރު ޓެޑްރީ ބުނަނީ ކީކޭ؟

ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒުގެ މަސައްކަތަށް ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާ ކެތްމަދުވެފައި އޮތްވައި އޭނާ މިރޭ އެނބުރި އަންނައިރު ގައުމު މި އޮތީ އޭނާގެ ޑްރާމާގައި ކިޔައިދޭން އުޅޭ މައްސަލަތަކާ އެކު ބޮއްސުންލައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީވީ ޑްރާމާ "ބިތުފަންގި" ޓެޑްރީގެ ބެލުމުގެ ދަށުގައި މި އަންނަނީ ކޮރަޕްޝަންގެ މައްސަލަ ރާއްޖޭގެ ތާރީޚުގައި ވެސް ބޮޑުނުވާ މިންވަރަކަށް ބޮޑުވެފައި އޮތްވަ އެވެ.

އެހެންވީމަ މި ޑްރާމާއެއް މިރޭ އޮލިމްޕަހުގައި އަދި ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކަކުން އެއްފަރާ ޕްރިމިއާކުރާއިރު ވަރަށް ގިނަ ބަޔަކު އެތިބީ ޓެޑްރީ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ޑްރާމާގައި ވާނެ ގޮތެއް ބަލައިލުމަށް ކެތްމަދުވެފަ އެވެ.

ފާހަގަކޮށްލަން ޖެހެނީ ޓެޑްރީގެ މިފަދަ ބޮޑު މަސައްކަތެއް ބެލުންތެރިންނާ ހަމަ އަށް މި އަންނަނީ ވިއްސަކަށް އަހަރު ފަހުންކަމެވެ. ފިލްމު "ދެރިޔާ" އަށް ފަހު މި ދާއިރާގައި ފިލްމެއް އަދި ޑްރާމާއެއް ގެނެސްދީފައި ނުވާއިރު އަނެއްކާވެސް އެނބުރި މި އަންނަނީ ޓެޑްރީގެ މި އާދަޔާހިލާފު ކެރިއަރު ފެށި މައިދާނުންނެވެ. އެއީ ޓީވީ އެވެ.

"ސަޅިބައިސާ" ގެ ހަނދާންތައް އާވެގެން ދަނީ އެހެންވެގެންނެވެ. ޓެޑްރީ އަލުން ޓީވީ ޑްރާމާއެއް ގެނެސްދޭތީ އެކަމާ ބަޔަކު އުފާ ފާޅުކޮށް އަތްޖަހަމުން ދަނީ ވެސް މި ސަބަބާ ހެދި އެވެ.

އެހެންވީމަ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޭސީސީ އިން އެކި ފަހަރުމަތިން ބިޑަށް ލައިގެން ޓެޑްރީ އާއި އޭނާގެ އެޓާނަލް ޕިކްޗާސް ކާމިޔާބުކޮށްފައިވާ މި ޕޮރޮޖެކްޓާ މެދު އޭނާ ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

މިއީ ވަރަށް ޗެލެންޖިން މަސައްކަތެއް!

ކުރުކޮށް އަދި ފޮނިކޮށް ވެސް މި ޑްރާމާއާ ބެހޭ ގޮތުން ޓެޑްރީ އަށް ބުނެވެން އޮތީ މިހެންނެވެ. އޭނާ ބުނީ މި މަސައްކަތް އޭނާގެ އެނބުރި އައުމެއްގެ ގޮތުގައި ސިފަކުރަން ބޭނުންނުވިޔަސް މަސައްކަތް ސިފަކުރާނީ ވަރަށް ވެސް ޗެލެންޖިން މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

"ބިތުފަންގި" އަކީ 13 އެޕިސޯޑްގެ ޑްރާމާއެކެވެ. ކޮންމެ އެޕިސޯޑަކީ 30 މިނެޓެވެ. މި ޑްރާމާގައި ޓެޑްރީ ވަނީ ގާތްގަނޑަކަށް 70 އަށް ވުރެ އެކްޓަރުން މެނޭޖުކޮށްފަ އެވެ. ޑްރާމާގެ ހުރިހާ އެޕިސޯޑްތަކަށް ދިރާސާކޮށް ލިޔެފައި ވަނީ ޓެޑްރީ އެވެ.

ނަމަވެސް އަދި މިއަށް ވުރެ ބޮޑު ޗެލެންޖަކަަށް އޭނާ ސިފަކުރަނީ އެހެން ކަމެކެވެ.

"ދިމާވި އެންމެ ބޮޑު ޗެލެންޖަކީ މިހާ ދުވަސްކޮށްފައި މިފަދަ މަސައްކަތެއް ކުރަން ނުކުތީމަ ތަޖުރިބާކުރަން ޖެހުނު ކަންތައް. ކުރިން ވެއްޖެއްޔާމު އަޅުގަނޑުމެން މީހެއް ގާތު މާދަން ޝޫޓިން އަށް ދާން ހިނގާށޭ ބުނެލީމަ ވެސް އެމީހަކަށް ދެވޭނެ. އެކަމަކު މިއަދު އެގޮތަކަށް މަސައްކަތެއް ނުކުރެވޭ. މިއަދު މި މަސައްކަތްކުރާ ގޮތް ރިއަލައިޒްވެފައި ނެތުން އެންމެ ބޮޑު ޗެލެންޖަކަށްވީ،" ޓެޑްރީ ބުންނެވެ.

"މިހާރު މީހުންނަށް ވަގުތެއް ނުދެވޭ ކުރިން ޝޫތިންނަކަށް ވަގުތު ދޭގޮތަކަށް."

އޭނާ ބުނީ މިހާރުގެ އެކްޓަރުންނާ އެކު މަސައްކަތްކުރަން ޖެހުމުންނާއި މިފަދަ ބޮޑު މަސައްކަތެއް މިހާރު ކުރަން ޖެހުމުން ކުރިއަށް ގެންދާނެ ގޮތުގައި އުނދަގޫތަކެއް ދިމާވިޔަސް ޒަމާނީ އިކްއިޕްމަންޓަކަށް އޭނާ އަލެއް ނޫން ކަމަށެވެ.

"މަސައްކަތް ނުކޮށް ދުވަސްވެގެން އިކްއިޕްމަންޓްތަކަށް އަލެއް ނޫން. އެކަމު މަސައްކަތް ކުރަން ޖެހޭ ސްޓައިލް އަށް ބަދަލު ވަރަށް ބޮޑު. އެ ޗެލެންޖު ވަރަށް ބޮޑު،" ޓެޑްރީ ބުންޏެވެ.

ކޮރަޕްޝަން ހިންގަން ފަސްޖެހޭވަރުވާނެ!

މި ޑްރާމާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓެޑްރީ ބުނީ މިހެންނެވެ. އޭނާ އަދި ބުނީ ވަކި ފިކުރެެއްގެ މީހެއްގެ ގޮތުގައި އޭނާ މަޝްހޫރުވެފައިވިޔަސް އޭނާގެ މި މަސައްކަތް ޕްރޮފެޝަނަލްވާނެ ކަމަށާއި މިއީ ވަކި ފިކުރެއްގައި ކޮށްފައިވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އޭގެ ނަތީޖާ ފެންނާނެ ކަމަށާއި މީގެ ސަބަބުން މުޖުތަމަށް ވަރަށް ބޮޑަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުގެ ސިޔާސީ ފިކުރު ތަފާތުވެދާނެ. އެކަމަކު މިއީ ޕްރޮފެޝަނަލް މަސައްކަތެއް. އެހެންވީމަ ސިޔާސީ ފިކުރުގެ ސަބަބުން ތަފާތެއް ނުފެންނާނެ. މިއީ މި ވަގުތަށް އަޅުގަނޑަށް ދެވެން އޮތް އެންމެ މެކްސިމަމް ދީފައިވާ މަސައްކަތެއް،" ޓެޑްރީ ބުންޏެވެ.

"އަޅުގަނޑު ދަންނަވާނީ މީހުން ފަސްޖެހޭނެއޭ 13 އެޕިސޯޑް ނިމިގެންދާއިރު. ފަސްޖެހޭނެއޭ ކޮރަޕްޝަނަށް އަރައިގަތުމުގެ ކުރިން. ކޮރަޕްޝަން ހުއްޓުވެނެއެކޭ ނޫން. އެކަމަކު ކޮންމެވެސް ކަހަލަ ޕޮޒިޓިވް ނަތީޖާއެއް ނުކުންނާނެ ކަމަށް ގަބޫލުކުރަނީ މިއިން."

އޭނާ ބުނީ މި ޑްރާމާއެއްގައި މަސައްކަތްކުރަން ލިބުމަކީ ކޮރަޕްޝަނާ ބެހޭ ގޮތުން ނޭނގޭ އެތައް ކަމަކާއި ވާހަކައެއް ޚުދު އޭނާ އަށް ވެސް އެނގި ދަސްވެގެން ދިޔަ ތަޖުރިބާއެއް ކަމަށެވެ.

"ކޮރަޕްޝަނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ހިނގަމުންދާ ކަމެެއް. ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ މި އޮތީ އެންމެ ނުބައި ކޮޅުގައި. މީތި ފެށިއިރު ކޮރަޕްޝަން އެނގޭ ކަމަށް އަޅުގަނޑު ހީކުރީ އަޅުގަނޑަށް ވެސް. އެކަމަކު އަޅުގަނޑަށް ނޭނގޭ ބައިވަރު ކަންތަކެއް ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރު ދަސްކުރަން ލިބުނު ފުރުސަތެއް މިއީ. ކޮރަޕްޝަން އެބަވެވޭ ވަރަށް ސިމްޕަލް ލެވެލްއެއްގައި. އަދި މަތިން ވެސް،" ޓެޑްރީ ބުންޏެވެ.

މި ދުވަސްކޮޅުގެ ކޮރަޕްޝަންގެ ރޯގާގައި ޝޯ ބަލިވެސް ވެދާނެ!

"ބިތުފަންގި" ކަހަލަ ޑްރާމާއަކަށް ރާއްޖޭގައި މި އޮތީ ނިކަން ފައްކާ ސްޓޭޖެއް މި ދުވަސްކޮޅު ތައްޔާރުކޮށްފަ އެވެ. މި ޑްރާމާއެއް މި އަންނަނީ ކޮރަޕްޝަންގެ ވާހަކަ މީގެ ކުރިން ބޮޑުނުވާ މިންވަރަކަށް ރާއްޖޭގައި މި މައްސަލަ ބޮޑުވެ އެ ވާހަކަ ސިޓިންރޫމާއި ކޮފީ މޭޒުގެ އާންމު ވާހަކައަކަށް ބަދަލުވެފައި އޮތްވަ އެވެ.

އެހެންވީމަ ދުވަސްކޮޅުގެ ގޮތުން މި ޑްރާމާ ވަގުތުން ހިޓަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަމަކު ޓެޑްރީގެ ވިސްނުން ތަފާތެވެ.

"މިހާރު މި ދާ އޮން ގޮއިން ކްރައިސިސް އިން ފައިދާ ވެސް ވެދާނެ ޝޯ އަށް. ގެއްލުން ވެސް ވެދާނެ ޝޯ އަށް. އެކަމަކު އޭސީސީ އިން މި އަށް ދެމުން އަންނަ އެއްބާރުލުން، މީގެ ކޮލިޓީ ކޮމްޕްރިމައިޒް ނުކުރަން ނިންމައިގެން އެ ތިބީ. މި ފުރުސަތު މީގެ ކުރިން ނުލިބޭ. ކޮލިޓީ މަސައްކަތެއް މިގޮތަށް ނެރުމުގެ ފުރުަތެއް ނެތް ކުރިން ލިބިފައި،" ޑްރާމާ އަށް ވެދާނެ ގޮތެއް ލަފާކުރަން ނޭނގިފައި ހުރި ޓެޑްރީ ބުންޏެވެ.

އޭނާ ބުނީ ޑްރާމާ ދެއްކުން މަނާކޮށްފާނެ ކަމަކަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

"ޝޯ ހުއްޓުވަފާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެކަމަކު ވަރަށް ގިނަ މީހުން ބުނާ ވާހަކައެއް އެއީ،" ޓެޑްރީ ބުންޏެވެ.