ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓްގެ ތެރެއިން 100 ފްލެޓް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހާއްސަކޮށްފައިވާ ކަން އެނގިއްޖެ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންވެ ރައީސް އޮފީހުން އެދިގެން ކަސްޓަމްސްގެ 100 މުވައްޒަފަކަށް ފްލެޓް ދޭން ބޭނުންވާތީ ލިސްޓެއް ތައްޔާރުކޮށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެތެރޭގައި އިވެލުއޭޝަނެއް ހެދުމަށްފަހު މި ލިސްޓް ތައްޔާރުކުރީ،" އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީންވެސް ވަނީ ކަސްޓަމްސްއަށް ފްލެޓްތަކެއް ހާއްސަކޮށްފައިވާ ކަން ޔަގީންކޮށްދީފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ނިންމުމުގެ މަސައްކަތް އެކި މަރުހަލާގައި ހިނގަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މި ލިސްޓް އާންމުކުރިއިރު ކަސްޓަމްސްގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް ޕްލޭނިން މިނިސްޓްރީން ވަނީ އުނިކޮށްފަ އެވެ.
ޕްލޭނިން މިނިސްޓްރީން ލިސްޓް އާންމުކޮށް، ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.
އިއުލާންގައި ބުނެފައިވަނީ 4،000 ފުލެޓްގެ ތެރެއިން ފުލެޓް ލިބޭ މީހުންނަށް ލިބޭ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށެވެ. ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އެންގުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ލިސްޓް އާންމުކުރުމާ އެކު ޝަކުވާތައް ފުނިޖެހުމާ އެކު އޭސީސީ އިން ވަނީ ޝަކުވާތައް ބެލުމަށްފަހު ނޫނީ ފްލެޓް ހަވާލުކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރަން އަންގާފަ އެވެ.
ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލާފަ އެވެ.