ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު، އަބޫދާބީއަށް ފުރާވަޑައިގެންފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ފުރާވަޑައިގެންފި އެވެ.

މުއިއްޒު މިއަދު ޔޫއޭއީއަަށް ފުރާވަޑައިގެންނެވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވެސް ޔަގީންކޮށްދީފަ އެވެ.

އެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ މިދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައިވަނީ ޔޫއޭއީގެ ސަރުކާރުން ކަމަށެވެ.

މުއިއްޒު ޔޫއޭއީއަށް ކުރައްވާ މިދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފިރުޒުލް ހާމައެއް ނުކުރައްވަ އެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. އެގޮތުން ނ. މާފަރުގައި އަޅާފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޔޫއޭއީގެ އެހީގައި އަޅާފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައްވެސް ދަނީ ހިނގަމުންނެވެ.

މުއިއްޒު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރުން އޮންނާނީ މިމަހުގެ 17ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.