ހަބަރު

ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް އަލުން ލިޔުންތައް ފޮނުވާނަން: ވަކީލު

  • ގަވާއިދުތަކާ އެއްގޮތަށް ލިޔުންތައް ފޮނުވިން
  • ސަރުކާރުން އެދޭ ނަމަ އަދިވެސް ލިޔުންތައް ފޮނުވާނެ
  • ބޭސްފަރުވާއަށް ފަހު ހިދުމަތް ކުރުމަށް ނަޝީދު ވަޑައިގަންނަވާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް ފޮނުވި ލިޔުމުގައި ގަވާއިދުގައި ބުނާ މައުލޫމާތުތައް ހިމެނޭނެ ކަމަށާއި ނަމަވެސް ސަރުކާރުން އެދޭ ނަމަ އަނެއްކާވެސް ޑޮކްޓަރުންގެ ލިޔުން ހުށަހަޅާނެ ކަމަށް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް ހުށަހެޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ކަމަށާއި އަދި މިހާރު ފޮނުވާފައިވާ ލިޔުމާއި މެދު ޝައްކުތަކެއް ހުރުމުން އަލުން ހުށަހަޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން މިއަދު ވަނީ ނިންމައިފަ އެވެ. އަދި ނަޝީދުގެ މުއްދަތު އިތުރު ކޮށްދެވޭނީ ވެސް ލިޔުންތައް ފުރިހަމަކޮށް އަލުން ފޮނުވީމަ ކަމަށް ކަރެކްޝަން އިން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ކުރައްވާ ބޭސްފަރުވާގެ ކަންތައްތަކުގައި އިތުރު މައުލޫމާތު ބޭނުންވާ ކަމަށް ބުނެ ކަރެކްޝަންސްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ކުރިން ފޮނުވާފައިވާ މެޑިކަލް ލިޔުންތަކުގައި ހުރި ބައެއް މައްސަލަތައް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އެގޮތުން ބޭސްފަރުވާގެ މުއްދަތު ނުނިމޭކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުމަކާއި، އެޑްމިޓްކޮށްފައިވާކަން އެނގޭނެ ފަދަ ކޮންސިއުލޭޓަރުގެ ލިޔުމަކާއި އަދި ބޭސްފަރުވާގެ މުއްދަތު ނިމޭނެ ކަމަށް ޑޮކްޓަރު ބުނާ ލިޔުމުގެ އިތުރުން ބަލީގެ ހާލަތު ހުރިގޮތް އަންގާދޭ ލިޔުމެއް ބޭނުންވާ ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"މި ލިޔުންތަކަކީ ވަކި ވަކި ލިޔުންތަކަކަށް ވާން ޖެހޭ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އޭގަ އެބުނާ މައުލޫމާތު ޑޮކްޓަރުގެ ލިޔުމުގައި ފުރިހަމަ ވަންޔާ އެ ނިމުނީ. އެހެންވީމަ ކަރެކްޝަން އިން ބުނި ކަންކަން ފުރިހަމަ ކޮށްފައިވާ ލިޔުމެއް ވާނީ ނަޝީދުގެ 30 ދުވަހުގެ މުއްދަތު ހަމަ ވުމުގެ ކުރިން ކަރެކްޝަން އަށް ފޮނުވާފައި. ސަރުކާރުން އެދޭ ލިޔުންތައް އަޅުގަނޑުމެން އަނެއްކާ ވެސް ފޮނުވާނަން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކަން މިހެން އޮތްކަމުގައިވީ ނަމަވެސް ސަރުކާރުން ބޭނުން ކަމަށް ވަނީ ނަމަ އެ ލިޔުންތައް އަލުން އަނބުރާ ޑޮކްޓަރުގެ ފަރާތުން ހޯދާނެ ކަމަށާއި އަދި ކަރެކްޝަން އިން އެދޭ ގޮތައް އަނެއްކާ ވެސް އެ ހުރިހާ މައުލޫމާތުތައް ހޯދައި ފޯރުކޮށްދޭނެ ކަމަށެވެ.

ކަރެކްޝަން ސާވިސް އިން މިއަދު ބުނި ގޮތުގައި ނަޝީދުގެ ފަރާތްޕުޅުން ހޮސްޕިޓަލުން ފޮނުވާފައިވާ ޑޮކްޓަރުގެ ލިޔުންތަކުގައި ހުރި ޑޮކްޓަރުގެ ސޮއެ ސައްހަ ކަމާ މެދުވެސް މެޑިކަލް ބޯޑުން ވަނީ ޝައްކު އުފައްދައިފަ އެވެ. އަދި ޑޮކްޓަރުންގެ ލިޔުންތައް ހޮސްޕިޓަލްގެ ރަސްމީ އީމެއިލް އަކުން ފޮނުވާފައި ނުވުމާއި އެތަނުގެ ރަސްމީ ލެޑަހެޑްގައި ލިޔުންތައް ނެތް ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ. ހަސަން ވިދާޅުވީ އެލިޔުންތައް ވެސް ރަސްމީ އީމެއިލް އަކުން ކޮންމެހެން ފޮނުވަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެ ލިޔުން ފޮނުވާފައިވާނީ ނަޝީދު ފަރުވާ ހޯދައި ހޮސްޕިޓަލުގެ ރަސްމީ އީމެއިލް އިން ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ނަޝީދުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ނަޝީދުގެ އޮފީހުން މީގެ ކުރިން ބުނެފައި ވަނީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ހަމަޖެއްސެވި ޑޮކްޓަރަކަށް ނަޝީދު ދައްކަވާ ފަރުވާ ފައްޓަވާފައިވާ ކަމަށެވެ. އަދި އެ ފަރުވާއަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށް ވެސް ޑޮކްޓަރު ލަފާދީފައިވާ ކަމަށް ވެސް ނަޝީދުގެ އޮފީހުން ބުނެފައިވެ އެވެ.

ވަކީލް ވިދާޅުވީ އިނގިރޭސިވިލާތުގައި ނަޝީދު މިހާރު ކުރައްވަމުން އަންނަ ބޭސްފަރުވާއަށް ފަހު، ރައީސް ޔާމީން އެދިލައްވާ ގޮތަށް ގައުމަށް ހިދުމަތް ކުރުމަށް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ބޭސްފަރުވާއަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭގެ ކުރިން ނަޝީދުގެ ވަކީލުން ވަނީ އެކަމަށް އެދި ކަރެކްޝަންސް އަށް ހުށަހަޅައިފަ އެވެ.