ދައުލަތުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހާއި ހަމައަށް އިތުރުކުރުމަށް ސަރުކާރުން އިއްޔެ ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތު އިއުލާނު ކުރެވުނު ފަހުން އަދި މިއަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރުވެސް ކުރިއަށްދާ މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހާ ހަމައަށް މުއްދަތު އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަން ބަޔާންކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އެ ގޮތަށް މުއްދަތު އިތުރުކުރުމުގެ ބާރަކީ އިކޮނޮމިކް ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫނެވެ.
"ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން އެކައުންސިލަށް ލިބިގެންވާ ބާރަކީ ސަރުކާރުގެ އެކި ދާއިރާތަކުން ކުރިއަށް ގެންދަވާ ސިޔާސަތު ތަންފީޒުކުރުމަށް އަޅަންޖެހޭ އެކިއެކި ފިޔަވަޅުތައް އެޅުމާއި އެކަންކަން ކަނޑައެޅުމާއި ތަރައްގީގެ މަޝްރޫއުތައް ވިލަރެސްކުރުމުގައި ދިމާވާ ދަތިތައް ބެލުމާއި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން،" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އެ ގޮތަށް މުއްދަތު އިތުރުކުރުމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދު ހުރި ގޮތުން ފިނޭންސް މިނިސްޓްރީއަށްވެސް ލިބޭ ބާރެއް ނޫނެވެ.
"އާންމު ހާލަތުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ވަކި ގޮތެއް ކަނޑައަޅާފައިވާ ކަންކަމާ ގުޅިގެން އަމަލު ކުރަން ޖެހޭނީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން. އަދި ހަމަ އެހެންމެ އެކަމެއް ކުރުމުގެ ބާރު ލިބިގެންވަނީ އެކަމެއް ކުރުމަށް އެ ގަވާއިދުން ބާރު ދީފައިވާ ފަރާތަކަށް އެކަނި،" ފިރުޒުލް ވިދާޅުވި އެވެ.
މާލިއްޔަތު ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް މިނިސްޓަރަށް ނިންމޭނެ ހާލަތްތައް ގަވާއިދުގައި ބަޔާންކުރާއިރު އިއްޔެގެ ތާރީހުގައި އެ ސާކިއުލާ ނެރުނުއިރު އެފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރުމުގައި އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް މާލިއްޔަތު ގާނޫނުގައި ބަޔާންކުރާއިރު ކޮވިޑް 19 އާ ގުޅިގެން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާޗް 14، 2022ގައި އުވާލިކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.
"އޭގެ ފަހުން އެއް އަހަރާއި އަށް މަސް ފާޢިތުވެގެން ގޮސްފައިވާއިރު އެ ހާލަތާ ގުޅިގެން ދިމާވި ދަތިތަކާ ގުޅިގެން މުއްދަތަ ނުނިމިފައިވާ ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރުމުގެ ކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ފުރުސަތު ލިބިފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާގައި މިއަހަރުގެ މޭ 30 ވަނަ ދުވަހުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ މުއްދަތުވެސް އިތުރުކުރެވޭ ގޮތަށް ހިމަނާފައިވާއިރު މާޗް 14، 2022 އިން މިއަހަރުގެ މޭ 30 ގެ ވަނަ ދުވަހުގެ ނިޔަލަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި މުއްދަތު ކަނޑައަޅަންޖެހޭނީ ކޮވިޑް-19 ގައި ދިމާވި ދަތިތަކަށް އެކަށީގެންވާ ޖާގަ ލިބޭ ގޮތަށް ރިއާޔަތް ކުރެވިގެން ގަބޫލުކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ރާ ރިޔާސީ ދައުރެއް ފެށުމަށް އަށް ދުވަހަށްވެފައިވާއިރު މިފަދަ ނިންމުމެއް ނިންމުމަކީ އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިތަކެއް ދިމާވާނެ ކަމެއް ކަމަށް ވިދާޅުވެ ފިރުޒުލް ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.