ފިނޭންސް މިނިސްޓްރީ

ކޮވިޑާއެކު ކުންފުނިތަކަށް ދިން ލުޔަށް އިތުރު ހަ މަސް ދެނީ

ދައުލަތުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހާއި ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތު އިއުލާނު ކުރެވުނު ފަހުން އަދި މިއަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރުވެސް ކުރިއަށްދާ މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހާ ހަމައަށް މުއްދަތު އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މި މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުއެއްގައި ބައިވެރިވެފައިވާ ކޮންޓްރެކްޓަރުން އެ ފަރާތުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ މުއްދަތު ހަ މަސް ދުވަހަށްވުރެ އިތުރުނުވާ ގޮތަށް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮންޓްރެކްޓެއް ހިންގާ އޮފީހަކަށް އެދުމަށް ވަނީ އަންގާފަ އެވެ.

ދައުލަތުގެ އޮފީސްތަކުން އެފަދަ ހުށަހެޅުންތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހުއްދަދީ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަޕްޑޭޓް ކުރުމަށްވެސް މި ސާކިއުލާގައިވަނީ އަންގާފަ އެވެ.