އޮޑިޓާ ޖެނެރަލް އޮފީސް

އެކަނިވެރި މައިންގެ އެލަވަންސް ލިބެންނުޖެހޭ ބަޔަކަށް ދިން މައްސަލަ ފެންމަތިކޮށްފި

Nov 7, 2023

އެކަނިވެރިި މައިންނަށް އިނާޔަތް ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދީފައިވާ މައްސަލައެއް ފެންމަތިކޮށް އެ ފައިސާ އަނބުރާ ހޯދުމަށް އޮޑިޓާ ޖެނަރަލް އަންގަވައިފި އެވެ.

އޮޑިޓާ ޖެނަރަލް ނިޔާޒީ މިގޮތަށް އަންގަވާފައިވަނީ އެމަނިކުފާނު ސޮއިކުރައްވާ ނެރުއްވާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ އޮޑިޓް ރިޕޯޓް ގައެވެ.

ރިޕޯޓްގައިވާ ގޮތުން 2020 ވަނަ އަހަރު އެންސްޕާ އިން ވަނީ އެކަނިވެރި މައިންނަށް ނުވާ ނުވަ މީހަކަށް 93،000 ރުފިޔާ ދީފަ އެވެ.

އެންސްޕާގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެކަނިވެރި މައިންނަށް ދޭންޖެހޭ އެލަވަންސް މީހުންނާ އިނދެގެން އުޅޭ ބަޔަކަށް ދެވިފައިވަނީ ކައިވެންޏާއި ވަރީގެ މައުލޫމާތު ކޯޓުތައް މެދުވެރިކޮށް ހޯދޭނެ ހަރުދަނާ ނިޒާމެއް ނެތުމުން ކަމަށެވެ.

އެހެންވެ އެންސްޕާގެ ރިޕޯޓްގައި އޮޑިޓާ ޖެނަރަލް ވަނީ ވަރިއާއި ކައިވެނީގެ މައުލޫމާތު އެ އިދާރައަށް ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ފައިސާ ދޫކުރުމުގައި އިހްމާލުވި މުވައްޒަފުންނަށް ފިޔަވަޅު އެޅުމާ އެކު އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްވެސް އަންގަވާފައިވެ އެވެ.

އިހްމާލުވި މުވައްޒަފުން ޒިންމާ ނެގުމަށް ދެކޮޅު ހަދާނަމަ ކަމާ ގުޅޭ އިދާރާތަކަށް އެ މައްސަލަ ހުށަހެޅުމަށްވެސް އަންގަވާފައިވެ އެވެ.