ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ރޯގާއަށް ދޭ ސިޓްރިޒަމް ސިރަޕް ވިއްކުން މަނާކޮށްފި

ރާއްޖޭގައި ވިއްކަމުންދާ ސިޓްރިޒަމް ސިރަޕްގައި ކެމިކަލް މާއްދާއެއް ހުރިކަން ޔަގީންވުމުން އެ ބޭސް ވިއްކުން މަނާކޮށްފި އެވެ.

މިއީ ކެއްސުމާއި ހުމާ އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2022 ވަނަ އަހަރުން ފެށިގެން ބޭނުންކުރާ މި ބޭހުގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރި އެލާޓާ ގުޅިގެން ރާއްޖެއިން ވެސް ރެންޑަމް ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ މާކެޓުން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް ނަގައި ސްކްރީން ކުރިއިރު ސިޓްރިޒަމް ސިރަޕް (ބެޗް 220)ގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި މިކަމާ ގުޅޭ ޓެސްޓް ހެދެން ނެތުމުން އެމްއެފްޑީއޭ އިން ޓެސްޓް ހެދީ ރާއްޖެ އިން ނެގި ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ.

"ވީމާ، މި އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ފާހަގަކުރެވުނު ބްރޭންޑުގެ އިތުރު ތަހުލީލު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީވެ، މި ޓެސްޓުގެ ނަތީޖާ ލިބި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑު އެތެރެކުރުމަށާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެކެވެ." އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.