ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ރާއްޖެ ވަޑައިގެންފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

މުއިއްޒު އިއްޔެ ޔޫއޭއީއަަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ.

އިންތިހާބީ ރައީސް ޔޫއޭއީ އަށް ކުރެއްވި މިދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައިވަނީ ޔޫއޭއީގެ ސަރުކާރުންނެވެ.

މުއިއްޒު ޔޫއޭއީއަށް ކުރެއްވީ އަމިއްލަ ދަތުުރުފުޅަކަށް ވާތީ މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އިންތިހާބީ ރައީސްގެ އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. އެގޮތުން ނ. މާފަރުގައި އަޅާފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޔޫއޭއީގެ އެހީގައި އަޅާފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައްވެސް ދަނީ ހިނގަމުންނެވެ.

މުއިއްޒު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރުން އޮންނާނީ މިމަހުގެ 17ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.