ފެނަކަ ކޯޕްރޭޝަން

ކުންފުނިތަކަށް ނުދެވި އޮތީ 1.4 ބިލިއަން ރުފިޔާ: ފެނަކަ

ފެނަކަ ކޯޕަރޭޝަނާ އެކު މަސައްކަތް ކޮށްފައިވާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދެމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިހެން ބުނެފައި މިވަނީ އެކުންފުނީގެ ތަފާތު މަޝްރޫއުތަކުގައި މަސައްކަތް ކޮށްފައިވާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 3.2 ބިލިއަން ރުފިޔާ ނުދީ އޮތް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައި ވަނިކޮށެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ އެ ކުންފުންޏާ އެކު މަސައްކަތް ކުރާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް އަބަދުވެސް ފައިސާ ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ހިތްހަމަޖެހޭ އަދަދަކަށް ފައިސާ ނުދެވޭތީ ފައިސާ ނުދީ ހުރި ކަމަށް ބުނެފާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެކަމަކު ހިސާބުތަކުން ދައްކާނެ ހަމަ ކޮންމެ މަހެއްގައިވެސް އެތައް މިލިއަން ރުފިޔާއެއް އަބަދުވެސް ދެމުން ގެންދަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެއްވެސް މައްސަލައެއް ނުޖެހި ކުރިއަށްދާނަމަ އެއް އަހަރާ ދޮޅު އަހަރުގެ ތެރޭގައި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން އެ ކުންފުނިން ފައިސާ ދައްކާނެ ކަމަށެވެ. ފެނަކަ އިން ކޮންމެ ކުންފުންޏަކާ އެކު ވެސް ހަދާފައި ހުންނާނީ ތަފާތު އެއްބަސްވުންތައް ކަމަށްވާތީ ކުންފުނިތަކަށް ފައިސާ ދެއްކުމުގައި އަމަލުކުރާ ގޮތް ތަފާތުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން 400 މިލިއަން ރުފިޔާ ނަގާފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ފައިސާގެ ތެރެއިންވެސް އެއްބައި ހަރަދުކުރީ ފެނަކަ އިން ފައިސާ ދޭންޖެހޭ ކުންފުނިތަކަށް ފައިސާ ދިނުމަށް ކަމަށެވެ. އަދި 400 މިލިއަން ރުފިޔާގެ ތެރެއިން ބައެއް އެސްޓީއޯ އިން ފެނަކައަށް ގަނެފައިވާ ތެލަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފެނަކަ އިން ފައިސާ ދޭންޖެހިފައި އޮތް 1،149 ކުންފުންޏެއް އެބައޮތް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނި ނަމަވެސް ފެނަކަ އިން މިކަމަށް މިއަދު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ފެނަކަ އިން އެކި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އަދަދު 1.4 ބިލިއަން ރުފިޔާ އަރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ފެނަކަ އަކީ ސަރުކާރުގެ ވަރަށް ގިނަ މަސައްކަތްތައް ކުރާ ކުންފުންޏަކަށް ވިޔަސް އެ ކުންފުންޏަކީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ފައިސާ ހޯދާ ކުންފުންޏެއް ނޫން ކަމަށެވެ. އެގޮތަށް ކުންފުނި ހިންގިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެނަކަ ހިންގުމަށް މިހާރުގެ މެނޭޖުމަންޓުން ގެނައި ހަރުދަނާ ބަދަލުތަކާ ގުޅިގެން ކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ކުންފުނި ހިންގުމަށް ދެފުށް ފެންނަ އެންމެ ޒަމާނީ ނިޒާމުތައް ގާއިމުކޮށް، އެސެޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުމަށް ހާއްސަ މުވައްޒަފަކު ނެނގި އަދި 2019 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ކުންފުނީގެ އޮޑިޓް ރިޕޯޓްތައް އެކުލަވާލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ ސައީދު ވަނީ ފެނަކަ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ދެން ކުރަންވީ ކޮން ކަމެއްކަން ބުނެދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.

"ދެން އަޅުގަނޑުމެންނަކަށް ނޭނގޭ އިތުރަށް ކުރަންޖެހޭ ކަމެއް. އިތުރަށް ކުރަންޖެހޭ ކަމެއް އިންސާނުން ބަދަލުވީމާ އެއް އިންސާނުން އަނެއް އިންސާނުންގެ ބުއްދީގައި ހުންނާނެ ތަފާތުތަކެއް. އެ ނޫން ކަމެއް އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ އޮތްހެނެއް،" ސައީދު ވިދާޅުވި އެވެ.