ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭ މަޝްރޫއަށް އޭޑީއެފްޑީ އިން އެއް ބިލިއަން ރުފިޔާ ހަމަޖައްސައިދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް ބޭނުންވާ 80 މިލިއަން ޑޮލަރު -- 1.2 ބިލިއަން ރުފިޔާ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހަމަޖައްސައިދީފި އެވެ.

މިފައިސާ ހަމަޖެހިގެން ދިޔައީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަމިއްލަ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ވަޑައިގެން ސަރުކާރުގެ އިސްވެރިންނާ އެކު ކުރެވުނު މަޝްވަރާތަކުގައެވެ. މުއިއްޒު، ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ޔޫއޭއީ ސަރުކާރުންނެވެ.

މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވަމުން އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ވީއައީއޭގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މަޝްރޫއު ކަމަށެވެ. އެހެންވެ އެއާޕޯޓްގެ މަސައްކަތް އަވަހަށް ނިންމުމަަށް އިންތިހާބީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ވީއައިއޭ މަޝްރޫއު ނުނިމި ލަސްވަމުން ގޮސްފައިވަނީ އެ މަޝްރޫއުގެ ޑިޒައިނަށް ގެނައި ބައެއް ބަދަލުތަކާ ގުޅިގެން މަޝްރޫއުގެ އަގު ބޮޑުވުމާ ގުޅިގެން އެކަމަށް ބޭނުންވާ ފައިސާ މުޅިން ހަމަޖެހިފައި ނުވާތީ ކަމަށެވެ. އެހެންވެ އިންތިހާބީ ރައީސް އަބޫދާބީއަށް ވަޑައިގެން އެތަނުގެ ސަރުކާރުގެ އިސްވެރިންގެ އަރިހުގައި ވީއައިއޭ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަަޖައްސައިދިނުމަށް އެދިވަޑައިގަތުމާ ގުޅިގެން އެ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެ އެދިވަޑައިގަތުމަށް އިޖާބަދެއްވާ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް [އޭޑީއެފްޑީ] އިން 80 މިލިއަން ޑޮލަރު އެހެން ގޮތަކަށް ދަންނަވާނަމަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފައިސާ ހަމަޖެހުމާ ގުޅިގެން އިންތިހާބީ ރައީސް ބޭނުންފުޅުވާ ގޮތަށް އަންނަ އަހަރުގެ ޕީކް ސީޒަނަށް -- އަހަރުގެ ފަހުކޮޅަށް ވީއައިއޭގެ މަޝްރޫއު ނިންމާ ބޭނުންކުރެވޭނެ ކަމަށާއި އެ އުއްމީދު މިހާރު ވަރަށް ބޮޑަށް އާވެއްޖެ ކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ވީއައިއޭގެ މަޝްރޫއު ހިނގާ ގޮތް ބައްލަވާލެއްވުމަށް ވަރަށް އަވަހަށް އެއާޕޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު ނިންމުމަށް އަވަހަށް ނިންމުމަށްޓަކައި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައިވެސް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ވީއައިއޭ މަޝްރޫއަށް ސައުދީ ފަންޑުން ވެސް މިދިޔަ އޮކްޓޫބަރު މަހު އިތުރު 100 މިލިއަން ޑޮލަރު -- 1.5 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ނިންމާފަ އެވެ.

ވީއައިއޭގެ މަޝްރޫއު ނިމުމުން އަހަރަކު ގާތްގަނޑަކަށް 7.2 މިލިއަން ފަތުރުވެރިންނަށް އެތަނުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ އާ ރަންވޭއެއް އެޅުމާއި އާ ޕެސެންޖާ ޓާމިނަލެއް އެޅުމެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އާ ރަންވޭގެ މަސައްކަތް މުޅިން ނިންމާ ޓެސްޓް ފްލައިޓް ޖެއްސި ނަމަވެސް އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށީ މިދިޔަ އަހަރު އެވެ. އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގުމިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އާ ޓާމިނަލްގެ މަސައްކަތް ކުރަނީ ސައުދީ ބިންލާދިން ގުރޫޕާ ހަވާލުކޮށްގެންނެވެ. ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޓާމިނަލަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.