ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ކޯޕަރޭޓް ސާވިސަސް، ޑިޕްލޮއިމަންޓް ސަޕޯޓް ސާވިސަސް، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ނެޓްވާކް އޮޕަރޭޝަންސް، ޕްރޮޑަކްޓް އެންޑް ސޮލިއުޝަން ޑިވެލޮޕްމަންޓް، ރެވެނިއު އެޝުއަރެންސް އެންޑް ބިޒްނަސް ކޮންޓްރޯލް ފަދަ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމް އަމާޒު ކޮށްފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ނުވަތަ ބެޗްލާސް ޑިގްރީ ފުރިހަމަކޮށް އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ އެވެ.

ދިރާގުން ބުނާ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ދިރިއުޅޭ ޒުވާނުންނަށް އެކަންޏެއް ނޫނެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ އަދި ލ. އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެ އެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އެ ޒުވާނުންނަށް ހިފޭނެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއަދުގެ ނިޔަލަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެ އެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިންނަކީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައިވެސް ކާމިޔާބު ކެރިއަރުތަކެއް ގާއިމުކުރަމުން އަންނަ ފަރާތްތަކެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިއްމު މައުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމްރީން ދޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޒަރިއްޔާ އިން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.