ދިރާގު

ދިރާގުން ރާއްޖޭގެ އީސްޕޯޓްސްއަށް އިންގިލާބީ ބަދަލެއް ގެނެސްފި

ދިރާގުން ރާއްޖޭގެ އީސްޕޯޓްސްއަށް އިންގިލާބީ ބަދަލެއް ގެނެސް ދިރާގުގެ މުޅިން އާ ގޭމިން ޕްލެޓްފޯމް "ދިރާގު ގޭމާސް ގިލްޑް" -- ޑީޖީޖީ ލޯންޗްކޮށްފި އެވެ.

ދިރާގު ގޭމާސް ގިލްޑް ލޯންޗްކޮށްފައިވަނީ މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

ދިރާގު ގޭމަސް ގިލްޑްއަކީ ގޭމަރުންނަށް ހާއްސަ އަދި ގޭމިން ކޮމިއުނިޓީގެ ބައިވެރިވުމާއި މަޝްވަރާއާއެކު ރާއްޖޭގައި ފަރުމާކުރެވިފައިވާ ޕްލެޓްފޯމެކެވެ.

އެގޮތުން މިއީ ގޭމަރުން ބޭނުންވާ ފަދަ ގޮތަކަށް އުފެދިފައިވާ ތަފާތު ފީޗާތަކާއި ހިދުމަތްތައް މި ޕްލެޓްފޯމުން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. މީގެ ސަބަބުން ހުރިހާ އެންމެން ހިމެނޭ ފަދަ އީސްޕޯޓްސް ކުޅުންތެރިންގެ ކޮމިއުނިޓީއެއް އުފެއްދުމުގެ އިތުރުން ކުޅުންތެރިން އެކަކު އަނެކަކާ ގުޅުވާލަދީ، ތަފާތު ގޭމުތައް ކުޅުމުގެ ފުރުސަތުވެސް މި ޕްލެޓްފޯމްއިން ފަހިކޮށްދޭނެ އެވެ.

މި ޕްލެޓްފޯމް ލޯންޗުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއު އެވެ. އަދި މި އިވެންޓްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އިސްމާއިލް އާމިރު، މުހައްމަދު ރިޔާޒު، އަބްދުލް ރައްޒާގު އިބްރާހިމް އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ އިސް ބޭފުޅުންނާއި ގޭމިން ކޮމިއުނިޓީގެ އެކި މެމްބަރުން އަދި ތަފާތު ސްޓޭކްހޯލްޑަރުން ބައިވެރިވި އެވެ.

މި ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ އީސްޕޯޓްސްއާ ބެހޭ ހުރިހާ ކަމެއް އެއްތާކުން ފަސޭހަކަމާއެކު ލިބޭ ދިރާގުގެ އަމިއްލަ ޕްލެޓްފޯމެއް ލޯންޗުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، މި ޕްލެޓްފޯމްގެ ޒަރިއްޔާއިން ރާއްޖޭގެ އީސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން ބާރުވެރިވެ ބައިނަލްއަގްވާމީ މުބާރާތްތަކުން މޮޅެތި ވަނަތަށް ހާސިލްކުރާތަން ދެކުން، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގޭމަރުންނަށް އެމީހުންގެ ހުނަރު ދައްކާލާ، މުޅިން ތަފާތު އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެން ދިއުން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

މި ހަފުލާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ދެއްކެވި ވާހަކައިގައި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އައު އީޖާދުތައް ގެނައުމަށް ދިރާގުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރެއްވި އެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް ކުރިއަށްވުރެ ރަނގަޅު ތަޖުރިބާއެއް ލިބޭނެކަން ޔަގީންކުރައްވާ ކަމަށްވެސް ރާފިއު ވިދާޅުވި އެވެ.

"މީގެ އިތުރުން ކުޅިވަރާއި، ވާދަވެރިކަމާއި، ހުނަރު ތަރައްގީކުރުމާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެންދާނެކަންވެސް ޔަގީން. އަޅުގަނޑުގެ އުންމީދަކީ ދިރާގުގެ އެއްބާރުލުމާ އެކު ރާއްޖޭގެ އީސްޕޯޓްސް އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް، ގައުމަށް ފަހުރުވެރި ވަނަތައް ގެނެސްދޭ މުސްތަގުބަލެއް ފެނުން،" ރާފިއު ވިދާޅުވި އެވެ.

ދިރާގު ގޭމާސް ގިލްޑްގެ ފާހަގަކޮށްލެވޭ ތަފާތު އެއް ފީޗާއަކީ ދިރާގުން ބާއްވާ އެކި އީސްޕޯޓްސް މުބާރާތްތަކަށް ފަސޭހަކަމާ އެކު ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ.

އެގޮތުން މި ޕްލެޓްފޯމްގެ ރަޖިސްޓްރޭޝަން ޕްރޮސެސްގެ ސަބަބުން ގޭމަރުން ބޭނުންވާ ހުރިހާ ގޭމަރުންނަށްވެސް މުބާރާތްތަކުގައި ވާދަކޮށް އެފަރާތްތަކުގެ ހުނަރު ދައްކާލެވޭނެ އެވެ. މީގެ އިތުރުން ޑީޖީޖީގައި ރަޖުސްޓާކޮށްފައިވާ ގޭމަރުންނަށް އެފަރާތްތަކުގެ ގޭމިން ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ހާއްސަ ފައިބަ ބްރޯޑްބޭންޑް ބޫސްޓާތަކާއި މޮބައިލް އެޑް-އޮންތައް ޕްލެޓްފޯމްގެ ތެރެއިން ނެގޭނެ އެވެ.

ޑީޖީޖީ ލޯންޗުކުރެވިގެން ދިޔައީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކް-އިން ގޭމިން މުބާރާތަކާއެކު އެވެ. އެގޮތުން ޝައުގުވެރިވާ ބައިވެރިންނަށް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކޮށް، ރޮކެޓް ލީގް އަދި އީއޭއެފްސީ 24، މި ދެ ގޭމުގެ ތެރެއިން ބޭނުންވާ ގޭމެއްގައި ވާދަކުރެވޭނެ އެވެ. އަދި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމެއް ލިބެގެންދާނެ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.