ދުނިޔެ

ސީރިއާއަށް ދިނީ ދިފާއީ ހަމަލާއެއް: ޕެންޓަގަން

ސީރިއާގައި ހުރި އީރާންގެ ހަތިޔާރު ގުދަނަކަށް އެމެރިކާގެ އެފް15ގެ ޖެޓުތަކުން ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ބުނީ ސީރީއާގައި ހުރި ހަތިޔާރު ރައްކާކުރާ ގުދަނަށް ހަމަލާދީނީ އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ހިމާޔަތަށް ކަމަށެވެ.

އީރާންގެ ހަތިޔާރު ގުދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުން ބޭނުންކުރާ ގުދަނެއް ކަމަށް ޕެންޓަގަނުން ބުންޏެވެ. އެއީ ހަތިޔާރާއި ޑްރޯން ރައްކާކުރާ ގުދަނެއް ކަމަށް ވެސް ބުންޏެވެ.

އީރާން އަމުރަށް ހަރަކާތްތެރިވާ ހަނގުރަމަވެރި ގުރޫޕްތަކުން ޑްރޯން ބޭނުންކޮށްގެން އެމެރިކާ ސިފައިންނަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން މިފަހުން ވަރަށް ގިނަވެފައިވާ ކަމަށް ވެސް ޕެންޓަގަނުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީރިއާގެ އެ ސަރަހައްދުތަކުގައި ކޭމްޕް ޖަހައިގެން ތިބޭ އެމެރިކާ ސިފައިންނަކީ ވެސް ގަވާއިދާ ޚިލާފަށް ސީރިއާއަށް ވަދެ ތިބޭ ބައެެކެވެ.

ސީރިއާ އާއި އީރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ކަމަކަށް އޮންނަނީ އެ ސަރަހައްދުގައި ހުންނަ ތެޔޮވަޅުތަކުން ވަގަށް ތެޔޮ ބޭރުކުރުމެވެ.

އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ބުނާ ގޮތުން އެމެރިކާ ސިފައިން އެ ސަރަހައްދުގައި ތިބޭނީ ސީދާ ވައްކަން ކުރުމަށެވެ.

ސީރިއާގެ ތެޔޮވަޅުތަކުން ވައްކަންކުރުމާއި ދަނޑުވެރިންގެ ދަނޑުބިންތަކުން ވައްކަންކުރުމަކީ ވެސް ކޮންމެ ދުވަހަކުހެން އެމެރިކާ ސިފައިން ކުރާ ކަމެއް ކަމަށް ވެސް އަހުލުވެރިން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ސިފައިންގެ ހަރަކާތްތައް އެ ސަރަހައްދުގައި ވަރުގަދަ ކުރުމަކީ މިދުވަސްކޮޅަށް ބަލާއިރު ކޮންމެވެސް ބޮޑު ކަމެއްގެ އަލާމާތެކެވެ.

ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުުގައި -- ހަމާސްގެ ހަރަކާތްތައް ހުންނަ ގޮތް ހޯދާ ބަލައި ޔަހޫދީންނަށް ކިޔައިދިނުމުގައި އެެެމެރިކާގެ ޑްރޯންތައް ސިރީއާ އަދި ފަލަސްތީން މަތިން ވަރަށް ގިނައި އުދުހެ އެވެ.

އެމެރިކާގެ ޑްރޯންތަކުގެ އަނެއް ބޭނުމަކީ ލުބްނާންގައި ތިބި ހިޒްބުﷲ ހަނގުރާމަވެރިންނަށް އީރާނުން މަދަދުވެރިވާ ގޮތް ބަލައި -- އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހެކި ހޯދުމެވެ.