ސައުދި އަރަބިއްޔާގެ އަލް އިއްތިހާދުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުން ވަކިކޮށްފި އެވެ.
ސައުދީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން -- އިއްތިހާދުގެ ކޯޗުގެ މަގާމުން ނޫނޯ ވަކިކޮށްފައި މިވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އިރާގުގެ އެއާ ފޯސް ކްލަބާ ބައްދަލުކޮށް އިއްތިހާދު 2-0 އިން ބަލިވެފައި ވަނިކޮށެވެ.
ސައުދީ ލީގުގައިވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުލިބި އިއްތިހާދު އޮތީވެސް ލީގުގެ ހަވަނައިގަ އެވެ.
ކޯޗެއްގެ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އަލް އިއްތިހާދުގެ ކޯޗުގެ މަގާމާ ނޫނޯ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ފްރާންސްގެ މަޝްހޫރު ފޯވާޑް ކަރީމް ބެންޒެމާ ވެސް ކުޅެމުންދާ އަލް އިއްތިހާދަށް މިވަގުތު އިރުޝާދު ދެނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު ހަސަން ހަލީފާ އެވެ.
އަލް އިއްތިހާދުގެ ކޯޗުގެ މަގާމާ ހަވާލުވުން ދެން އެންމެ ގާތީ ނެދަލެންޑްސް ކޯޗު އަލްފްރެޑް ޝްރޫޑާ އެވެ. އޭނާ އަކީ މެދުއިރުމަތީގެ ފުޓްބޯޅަ އާއި ޔޫރަޕްގެ ފުޓްބޯޅަ ރަނގަޅަށް ދަންނަ ކޯޗެކެވެ. އެގޮތުން ނެދަލެންޑްސްގެ އަޔެކްސް އަށް ވެސް ކޯޗުކަން ކޮށްދީފައިވާ ޝްރޫޑާ އެންމެ ފަހުން ހުރީ ޔޫއޭއީގެ އަލް އައިން ގައެވެ.