އިންޑިއާ

ރާއްޖޭގެ ވެރިކަން ބަދަލުވި ނަމަވެސް ކަންބޮޑުވުމެއް ނެތް: އިންޑިއާ އެގްޒިމް ބޭންކް

ރާއްޖޭގެ ވެރިކަން ބަދަލުވި ނަމަވެސް އިންޑިއަން އެގްޒިމް ބޭންކުގެ ކަންބޮޑުވުމެއް ނެތް ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފަށާފައިވާ ބޮޑެތި އެތައް މަޝްރޫއަކަށް ގިނަ އަދަދެއްގެ ފައިސާ ހަމަޖައްސައިދީފައިވާ ބޭންކެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ވާހަކަދައްކާފައި މިވަނީ ރައީސް ސޯލިހްގެ ވެރިކަން ނިމި ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ އެކު އާ ސަރުކާރާއި އިންޑިއާ އާއި ދެމެދު ގުޅުން ގޯސްވެ، އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދީފައިވާ ލޯންތަކުގެ ތެރެއިން ފައިސާ ލިބުމަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ބައެއް މީހުން ބުނަމުން ދަނިކޮށެވެ.

ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއަން އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އެން ރާމޭޝް ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވި ނަމަވެސް ގުޅުންތައް ގޯސްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް އެ ބޭންކުގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު ވެސް މިއޮތް ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ދެމިތިބޭނެ. އެހެންވީމާ މިވަގުތު އަޅުގަނޑު ފާހަގަކުރާނެ ކަންބޮޑުވުމެއް ނެތް،" ރާމޭޝް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބާލާނެ ކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. މިކަމާ ގުޅިގެން މުއިއްޒުގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު އޮންނަ ގުޅުން ކެނޑިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އިންޑިއާ އިން ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމް ކުރާނަމަ އެ ގުޅުން ހަރުދަނާކަމާ އެކު ދެމިއޮންނާނެ ކަމަށް ޑރ. މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.