އީޕީއޭ

ޑިއު ޑިލިޖެންސަށް ހުށަހަޅާއިރު ސައްހަ މައުލޫމާތު ހިމެނުމަށް އަންގައިފި

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން "ޑިއު ޑިލިޖެންސް"އަށް އެދި ހުށަހަޅާއިރު ސައްހަ މައުލޫމާތު ހުށަހެޅުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުގެ "ޑިއު ޑިލިޖެންސް" ހެދުމުގެ މަސައްކަތް، އެކި ފަރާތްތަކުން ކުރަމުންދާއިރު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އެ ކުންފުންޏާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެ އެޖެންސީއަށް ހުށަހަޅަމުންދާ ކަމަށެވެ.

އެކަމަކު "ޑިއު ޑިލިޖެންސް" އަށް އެދި ހުށަހަޅާ ބައެއް ހުށަހެޅުންތަކުގައި މައުލޫމާތު ފުރިހަމަ ނުވުމާއި، "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދޭ ރަށްރަށާއި ފަޅުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުންނަ ކަމަށް އީޕީއޭ އިން ބުނެ އެވެ.

އީޕީއޭ އިން ވަނީ "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދި ހުށަހަޅާއިރު، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެ ރަށަކަށް ހާއްސަކޮށްފައިވާ އެފް ކޯޑް ބޭނުންކުރުމަށާއި، އެފް ކޯޑު ނެތް ފަޅެއްގެ "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދި ހުށަހަޅާނަމަ އެ ފަޅަކަށް ކަނޑައެޅިފައިވާ ރަނގަޅު ލޮކޭޝަން ބަޔާންކުރުމަށް ސަމާލުވުމަށްވެސް އީޕީއޭ އިން އެދިފައިވެ އެވެ.