މީރާ

އޮކްޓޫބަރު މަހު މީރާއަށް ދެ ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާއަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ މިދިޔަ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު ލިބުނު އާމްދަނީއަށްވުރެ 61.3 ޕަސަންޓް އިތުރުވުމެކެވެ.

އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ އާއި ޓޫރިޒަމް ބިމު ކުލި އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުން މީރާ އިން ވަނީ ފާހަގަކޮށްފަ އެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 77.1 މިލިއަން ޑޮލަރު ހިމެނެ އެވެ.

އެންމެ ބޮޑު އާމްދަނީއެއް މިދިޔަ މަހު މީރާއަށް ލިބުނީ ޖީއެސްޓީންނެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު އިންކަމް ޓެކްސްގެ ގޮތުގައި 161 މިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން ޓޫރިޒަމް ބިމު ކުލިން މިދިޔަ މަހު 152 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި 92 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން މިދިޔަ މަހު 77 މިލިއަން ރުފިޔާ ލިބުނެވެ.