މީރާ

ޓެކުހުގެ މުހިންމު ސުންގަޑިތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

މި ހިނގާ ޑިސެންބަރު މަހުގެ ފަހު ހަފުތާތަކަކީ ސްކޫލު ބަންދާއި މީލާދީ އައު އަހަރާއި ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ މި މުއްދަތުގެ ތެރޭގައި އަންނަ ޓެކުހުގެ މުހިންމު ސުންގަޑިތަކަށް ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.

މީރާ އިން ބުނި ގޮތުގައި މިމަހުގެ 28 ވަނަ ދުވަހަކީ ނޮވެމްބަރު 2023ގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އެވެ.

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާއިރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި އެ ފައިސާވެސް މީރާއަށް ދައްކަންޖެހޭނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން މިމަހުގެ 28 ވަނަ ދުވަހަކީ ނޮވެމްބަރު 2023ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑީގެ އިތުރުން ނޮވެންބަރު 2023ގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑިވެސް މެއެވެ. އަދި މިމަހުގެ 31 ވަނަ ދުވަހަކީ ފެށޭ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އެވެ.

މީރާގެ ހިދުމަތްތަކަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ހިދުމަތްތަކަކަށްވެފައި މި ހުރިހާ ޓެކުހެއްގެ ޓެކްސް ބަޔާންވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން ބުނެ އެވެ.

މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ވިޔަފާރިތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ސުން-ބަޔާން ހުށަހެޅޭނެކަން މީރާއިން ފާހަގަކުރެ އެވެ. އަދި ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ލަސް ނުކުރައްވާ މީރާއިން އެހީތެރިކަން ހޯއްދެވުމަށް މީރާއިން އެދެ އެވެ.