ދުނިޔެ

ޔަހޫދީންގެ ހަމަލާތައް ހުޅަނގު އައްސޭރިއަށް ފުޅާކުރަނީ

ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް މިހާރަށް ވުރެވެސް ވަރުގަދަކޮށް ހުޅަނގު އައްސޭރި އާއި ގުދުސްގައި ދޭ ހަމަލާތައްވެސް ފުޅާކުރުން ކަމަށް ފަލަސްތީނުގެ ރިޔާސީ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވެއްޖެ އެވެ.

ނަބީލް އަބޫ ރުދައިނާ ވިދާޅުވީ ޔަހޫދީންގެ އަމާޒަކީ އާންމު ރައްޔިތުން މެރުން ކަމަށާއި އެ ސަރަހައްދުތައް ހިސާރުކުރުމަކީ ވެސް ކެހިވެރި ޔަހޫދީންގެ ވިސްނުމެއް ކަމަށެވެ.

ފަލަސްތީންގެ ވަފާ ނޫސް އެޖެންސީ ރިޕޯޓްކޮށްފައިވާ ގޮތުގައި ތަރުޖަމާން މި މޭރުމުން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ދެމުން ގެންދިޔަ ހަމަލާތައް މިހާރު އަމާޒުކުރަމުން ދަނީ ހުޅަނގު އައްސޭރިއަށް،" ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން އަދި ވިދާޅުވީ މިއަދު އެކަނިވެސް އެތައް ބަޔަކު ޒަޚަމްކޮށް އަދި އިތުރު އެތައް ބަޔަކު މަރައިފި ކަމަށެވެ. ޔަހޫދީންގެ ވިސްނުމަކީ ފަލަސްތީންގެ ރައްޔިތުން ވިއްސިވިހާލުކުރުން ކަމަށްވެސް އަބޫ ރުދައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔަހޫދީން ހަމަލާތަކުގައި މަރުވެ ހުސްވަނީ އާންމުން ކަމަށާއި ޔަހޫދީން ކުރަމުން ގެންދާ ހަނަގުރާމައަކީ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް މިހާރު ބުނެވެން ނެތް ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ އެމެރިކާ އާއި ހުޅަނގުން ކުޅި ބަލަން ތިބުމުން ދޭހަކޮށްދެނީ އެ މީހުންނަކީ ވެސް ހަމަލާތަކުގެ ބައިވެރިންގެ ގޮތުގައި ކަމަށެވެ.

ޣައްޒާއަށް ފޮނުވާ އެހީއަށް ވުރެ ވެސް މިހާރު މުހިއްމީ ހަނގުރާމަ ހުއްޓާލުން ކަމަށާއި ހަމަލާތައް ހުއްޓާލައިގެން ނޫން ގޮތަކަށް މިހާރު ޒަޚަމްވެފައި ތިބި މީހުންނަށް އެކަށީގެންވާ ފަރުވާއެއްވެސް ނުދެވޭނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަނެ ދިން ހަމަލާތަކަށް ފަހު ޔަހޫދީ ސަރުކާރުން ވަނީ ހަމާސް ނައްތާލުމަށް ހުވާކޮށްފަ އެވެ.

ހަމާސްގެ ހަނގުމާވެރިން ތިބި ތަންތަން ކަމަށް ބުނެ ޔަހޫދީ އަސްކަރިއްޔާ އިން ހަމަލާދެނީ ހޮސްޕިޓަލްތަކަށާއި ރެފިއުޖީ ކޭމްޕްތަކަަށް އަދި މީހުން ގިނައިން އެއްވެ އުޅޭ ބާޒާރުތަކަށެވެ.

ހަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ ބިމު އަޑީގައި ބިންގަރާސް ހަދައިގެން ތިބި ކަމަށް ބުނެ ޔަހޫދީން ވަނީ ބިންގަނޑު ތޮރުފާ ޒާތުގެ ވަރަށް ބާރުގަދަ ބޮން ޣައްޒާއަށް އަޅާފަ އެވެ.

ޔަހޫދީން ބުނާ ގޮތުން ހަމާސްގެ ބިންގަރާސްތަކަށް ޔަހޫދީ ސިފައިން މިހާރު ވަނީ ވަދެގެންފަ އެވެ.