ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ހޮނިހިރު ދުވަހު އޮތް އަރަބި-އިސްލާމީ ސަމިޓްގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލެއްވީ، ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވައި ދިނުމަށެވެ.
ފަލަސްތީންގެ އާންމުންނާ ދެކޮޅަށް އެކަށީގެން ނުވާ ވަރުގެ ބާރު ބޭނުންކޮށް -- ހޮސްޕިޓަލްތަކާއި ސްކޫލްތައް އަދި އާންމުން އެއްވެ އުޅޭ މައިދާންތަކަށް ބޮންއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވި އެވެ.
އައްބާސްގެ މި ވިދާޅުވުމަށް ސަމިޓުގައި ބޮޑު ތާއީދެއް ވަނީ ލިބިފަ އެވެ.
އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވި ގައުމުތަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ވެސް ވަނީ އިލްތިމާސެއްކޮށްފަ އެވެ.
ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީންގެ އާންމު ރައްޔިތުން ކޮށައި ލޭއޮހޮރުވަމުން ދާއިރު، ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އެއްވެސް ކަމެއް ނުކުރަނީތޯ ވަނީ ސުވާލުކޮށްފަ އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރުން އިސްވެ ޔަހޫދީން ހިންގަމުން ގެންދާ ޖަރީމާތައް ބެލުމަށްވެސް ސަމިޓްގައި ގޮވާލެއްވި އެވެ.
އަރަބި-އިސްލާމީ ސަމިޓްގައި، ސައޫދީ އަރަބިއްޔާ އާއި އުރުދުން، މިސްރު، ގަތަރު، ތުރުކީ، އިންޑޮނީޝިއާ އަދި ނައިޖީރިއާ އިން ގޮވާލާފައިވަނީ މި ގައުމުތަކުގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް ޔަހޫދީން ފަލަސްތީނަށް ދެމުން ގެންދާ އަނިޔާތައް ބެލުމަށް ދުނިޔެއަށް ގޮވާލައި ޖަމާއަތްތަކާށް ބާރުއެޅުމަށެވެ.
ސައުދީ އަރަބިއްޔާގައި އަރަބި-އިސްލާމީ ސަމިޓް ހިނގަމުން ދާއިރު، ޔަހުދީން ޣައްޒާއަށް ހަމަލާދެމުން އަންތާ 36 ދުވަސް ވަނީ ވެފަ އެވެ.
އޮކްޓޯބަރު ހަތެއްގައި ޔަހޫދީން ހަމަލާތައް ފެށި ފަހުން މަޑުޖައްސާލުމެއް ނެތެވެ. ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ.
ޣައްޒާގެ ހޮސްޕިޓަލުތަކާއި ކުޑަކުދިންގެ ކްލިނިކްތަކަށް ބޮންއަޅައި ސުންނާފަތިކުރަމުން ގެންދާއިރު، ދުނިޔޭގެ ނުފުޒުގަދަ ގައުމުތަކުން ޔަހޫދީންނަށް ޕްރެޝަރުކުރާތީއެއް ނުފެނެ އެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދުނިޔެ ގޮވާލި ނަމަވެސް އެމެރިކާ އޮތީ ބީރު ކަންފަތެއް ދީގެންނެވެ.
ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގައި ޔަހޫދީންނަށް އެންމެ ބޮޑަށް އެހީތެރިވެ -- މުސްލިމުން މެރުމަށް ބާރުއަޅަނީ އެމެރިކާ އާއި އިނގިރޭސިވިލާތް، ޖަރުމަން އަދި ފަރަންސޭސިވިލާތެވެ.