ދުނިޔެ

އަށްޑިހަ އަށް އަހަރަށް ފަހު އެމެރިކާގެ ރައީސަކު އަންނަ މަހު ކިއުބާއަށް

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަންނަ މަހު ކިއުބާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ. މިއީ ފާއިތުވެދިޔަ 88 އަހަރު ތެރޭ އެމެރިކާގެ ރައީސަކު ކިއުބާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މިއީ ތާރީހުގައި އެމެރިކާގެ ރައީސަކު ކިއުބާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

އެމެރިކާގެ ރައީސަކު ކިއުބާއަށް އެންމެ ފަހުން ދަތުރުފުޅެއް ކުރައްވާފައިވަނީ 1928 ވަނަ އަހަރެވެ. އެއީ އޭރުގެ ރައީސް ހެރީ ޓްރޫމަންގެ ވެރިކަމުގަ އެވެ.

އެމެރިކާ އިން ކިއުބާއާ ދެކޮޅަށް ވިޔަފާރީގެ ދާއިރާ އިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް 1960 ވަނަ އަހަރުން ފެށިގެން އަޅާފައިވި ނަމަވެސް ދެގައުމު ދެމެދުގެ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރަން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެއްބަސްވެފަ އެވެ. އެމެރިކާއިން ވަނީ 54 އަހަރުވީ މި ފިޔަވަޅުތައް އުވާލާފަ އެވެ.

އަންނަ މަހުގެ 21 އިން 22 އަށް ކުރައްވާ މިދަތުރާ ބެހޭގޮތުން އޮބާމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދަތުރުފުޅުގައި ކިއުބާގެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިދަތުރުފުޅުގައި އަނބިކަނބަލުން މިޝެލް އޮބާމާވެސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިދަތުރުފުޅަށްފަހު ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ އެވެ. މި ދަތުރުފުޅުގައި އޮބާމާ ކިއުބާގެ ސިވިލް ސޮސައިޓީގެ މެމްބަރުންނާއި، ވިޔަފާރިވެރިން އަދި ހުރިހާ ދާއިރާތަކެއްގެ އިސްވެރިންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން އޮބަމާވަނީ ކިއުބާގެ ސިޔާސީ ބޭފުޅުންނާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

އޮބާމާގެ މިދަތުރުފުޅާއި ބެހޭގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ މާކޯ ރޫބިއޯ އަދި ޓެޑް ކްރޫޒް ވިދާޅުވީ މިއީ އޮބާމާ ހައްދަވާ ގޯހެއް ކަމަށެވެ. އަދި މިއީ ކިއުބާގެ ކިބައިން ބާރުގަދަ އެމެރިކާ މާފަށް އެދުން ކަހަލަ ކަމެއް ކަމަށް ވެސް އެބޭފުޅުން ސިފަ ކުރައްވަ އެވެ.