ދުނިޔެ

މުޒާހަރާއެއްގައި ދިން ގެއްލުންތަކާ ހެދި ދިއްލީގެ ބައެއް ސަރަހައްދުތައް ފެނަށް ޖެހިފައި

ވަޒީފާ ދިނުމާއި މަތީ ތައުލީމީ ފުރުސަތުތައް ހޯދަައިދިނުމުގައި އިންޑިއާ ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި މުޒާހަރާކުރަމުންދާ ޖާންޓް ދަރިކޮޅުގެ މީހުން ވެރިރަށް ދިއްލީ އަށް ފެން ފޯރުކޮށްދޭ ކެނަލަކަށް ދިން ގެއްލުންތަކެއްގެ ސަބަބުން 10 މިލިއަން މީހުން ފެނަށް ޖެހިއްޖެ އެވެ.

ދިއްލީގެ ސަރުކާރުން މިހާރުދަނީ މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެން ސަޕްލައިކުރަން މިހާރުވަނީ ފަށާފަ އެވެ. އަދި ބައެއް ހިސާބުތަކަށް ފެން ޓޭންކުތައް ފޮނުވައިގެން އާންމުންނަށް ފެން ފޯރުކޮށްދޭން މިހާރުވަނީ ފަށާފަ އެވެ. އިންޑިއާގެ ފެނާބެހޭ ވުޒާރާގެ ވެރިޔާ ކެޝާވް ޗަންދްރާ ވިދާޅުވީ އާންމު ހާލަތަކަށް ރުޖޫއަކުރަން ތިން ދުވަސް ހޭދަވާނެ ކަމަށެވެ. އަދި މިއީ އެކަށީގެންވާ ވަރާ ގާތަށް ވެސް ފެން ފޯރުކޮށްދެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކެޝާވް ވަނީ ފެން އިސްރާފު ނުކުރުމަށާއި ފެން ރައްކާކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ފެނުގެ ދަތިކަން ކުރިމަތިވެފައިވާތީ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

މި މުޒާހަރާ ސިފައިން މިހާރު ކޮންޓްރޯލްކޮށްފައި ވީނަމަވެސް އަދިވެސް މުޒާހަރާ ހުއްޓައެއް ނުލަ އެވެ. މި މުޒާހަރާގައި މިހާތަނަށް 19 މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދިއްލީގައި 16 މިލިއަން މީހުން އުޅޭއިރު، ގެއްލުން ދިން ކެނަލް އަކީ އާބާދީގެ ފަސް ބައިކުޅަ ތިން ބައި މީހުންނަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ކެނަލް އެވެ. މި ކޯރަކީ ހަރިއާނާ ސްޓޭޓްގެ ތެރެއިން ދެމިގެން އައިސްފައި އޮންނަ ކޯރަކާ ގުޅިފައިވާ ކެނަލްއެކެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޖިންދް ސިޓީގެ ރޭލްވޭ ސްޓޭޝަން އަދި އެހެން ޓައުންތަކުގައި ހުރި ޕެޓްރޯލް ޕަމްޕު ތަކެއްގައިވެސް ރޯކޮށްލާފަ އެވެ. އަދި ހަރްޔާނާ ސްޓޭޓްގެ ވެހިކަލްތަކުގަ އާއި ބަސް އަދި ޝޮޕިން މޯލްތަކުގައި އަލިފާން ރޯކޮށް ހުޅުޖަހާފަ އެވެ.