ޕީޕީއެމް އިން ރައީސް އަބްދުﷲ ޔާމީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމަށް އިއުލާންކުރެއްވުމާ އެކު ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ އިސް ބޭފުޅުންގެ ޓީމަކާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ހިމެނޭ ޓީމެއް މިރޭ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން ކުރިއަށް ގެންދިޔައީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ގެކޮޅު -- މ. ދިމްޔާތުގައެވެ.
ޕީއެންސީގެ ފަރާތުން މިބައްދަލުވުމުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ ރައީސް މުއިއްޒު އެވެ. ޕީއެންސީގެ ޓީމުގައި ރައީސް މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާއި، ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދާއި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާއި އަބްދުﷲ ނަސީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖޭޕީގެ ފަރާތުން މިބައްދަލުވުމުގައި އިސްކޮށް ހުންނެވީ މިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ނައިބް ލީޑަރު އައިޝަތު ނަހްލާ އެވެ. ޖޭޕީގެ ޓީމުގައި އިތުރަށް ހިމެނެނީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިނާއި، ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަދި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ އަޒްލީން އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު އެވެ.
މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭގޮތުން ޕީއެންސީ އަކުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މިބައްދަލުވުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ މިއީ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމެއްގެ ދަށުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކޮށްލުމަށް ޕީއެންސީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
"މަޝްވަރާގެ އިތުރުބ ތަފްސީލް މިވަގުތު ހާމަކުރެވޭކަށް ނެތް. އިތުރު އަޕްޑޭޓް ފަހުން ދޭނަން،" އަލީ ސޯލިހް ވިދާޅުވި އެވެ.