ވިޔަފާރި

އޮންލައިން ވިޔަފާރިއަށް ހާއްސަކޮށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އާންމުކޮށް ހުޅުވާލައިފި

Feb 23, 2016

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މާފުށީގައި އެ ބޭންކްގެ ބްރާންޗެއް ހުޅުވައި، އޮންލައިން ވިޔަފާރިތަކަށް ހާއްސަކޮށް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް މިއަދު އިފްތިތާހުކޮށްފި އެވެ.

ގިނަ ގެސްޓްހައުސްތަކެއް ހުންނަ މާފުށީގައި ބޭންކް ބްރާންޗް ހުޅުވައި ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް އާންމު ވިޔަފާރިތަކަށް ދިނުން ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ބީއެމްއެލް ޕޭމަންޓް ގޭޓް ވޭއަކީ އޮންލައިން ކޮށް ތަކެތި ގަތުމަށާއި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން ދޫކުރާ އޮންލައިން ޕްލެޓްފޯމެކެވެ. މީގެ ކުރިން އެ ހިދުމަތް ދެމުން ގެންދަނީ ވަރަށް ބޮޑެތި ވިޔަފާރިތަކަށާއި ސަރުކާރުގެ އެކި ބޭނުންތަކަށް ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުން ބޭނުން ވަނީ ރާއްޖޭގައި އީކޮމާސްގެ ދާއިރާ ތަރައްގީ ކުރުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޮންލައިންކޮށް ތަކެތި ވިއްކާ ފަރާތްތަކަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެން އަންނާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"މިއީ އޮންލައިން ވިޔަފާރިތަކަށް އަޅުގަނޑުމެން ހުޅުވާލައި ފުރުސަތެއް،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިން މާފުށީގައި މިއަދު ހުޅުވި ބްރާންޗުން ސެލްފް ސާވިސް ބޭންކިން އާއި ބޭންކްގެ އެހެން ބްރާންޗްތަކުން ދޭ ހިދުމަތްތައް މެދުނުކެޑި ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. އެގޮތުން ކާޑު ހެދުމަށް ފޯމު ހެދުމާއި ޕެންޝަން ފައިސާ ދުވަސްވީ މީހުންނަށް ހަވާލު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މިއީ ބީއެމްއެލް އިން މިއަހަރު ހުޅުވަން ނިންމި ހަތް ބްރާންޗްގެ ތެރެއިން ފުރަތަމަ ބްރާންޗެވެ.