ހަބަރު

ރައީސްގެ އެކައުންޓްގެ މައުލޫމާތު އެމްއައިބީ އިން އޭސީސީއާ ހިއްސާކޮށްފި

Feb 23, 2016

އިސްލާމިކް ބޭންކްގައި އޮންނަ ރައީސްގެ އެކައުންޓާ ގުޅޭ ގޮތުން އޭސީސީ އިން ހޯދަން އެދުނު މައުލޫމާތު އެ ބޭންކުން އޭސީސީއަށް ދީފި އެވެ.

އެ މައުލޫމާތު ދިނުމުގައި އުސޫލުތަކެއް ކަނޑައެޅުމަށް އެމްއައިބީ އިން ކޯޓަށް ދިޔަކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ރައީސް ވަނީ ބޭންކް އެކައުންޓްގެ ތަފްސީލްތައް އޭސީސީއަށް ދިނުމަށް އެމްއައިބީގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އެމްއައިބީ އިން ވަނީ އޭސީސީއާ އެކު ވާހަކަ ދައްކައި އެ ތަފްސީލްތައް ދޭން ނިންމައިފަ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މީޑިއާގައި ވިދާޅުވީ، އެމްއައިބީގެ އެކައުންޓްތަކަކާ ގުޅޭ ގޮތުން ހޯދަން އެދުނު މައުލޫމާތުތައް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ މައުލޫމާތުތައް ދިނީ މިދިޔަ ހަފްތާގަ އެވެ. މީގެ ކުރިން ހާމަވެފައިވާ ގޮތުގައި އޭސީސީ އިން ބޭނުންވެގެން އުޅެނީ ރައީސްގެ ނަމުގައި އެމްއައިބީގައި އޮންނަ އެކައުންޓެއްގެ މައުލޫމާތުތަކެކެވެ. އެހެން ނަމަވެސް އެއީ ރައީސް ބޭނުން ކުރައްވާ އެކައުންޓެއް ނޫނެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެމްއެމްޕީއާރުސީ އިން ގެއްލުނު ކަމަށް ބުނާ 1.22 ބިލިއން ރުފިޔާގެ ބައެއް ރައީސްގެ ދެކަނބަލުންގެ އެކައުންޓަށް ވަނީ ގޮސްފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އޭގެން އެއްވެސް ފައިސާއެއްގައި އެމަނިކުފާނު ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި ތަހުގީގު އިދާރާތަކަށް އެ މައްސަލަތައް ބެލުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކިތަންމެ ވަރަށް ހަދައިގެން ދޮގުވާހަކަތައް ފެތުރިޔަސް ހުންނާނީ ސާބިތުކަމާ އެކު ރައްޔިތުންގެ ހިދުމަތުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައިގެ ރިޕޯޓެއް އެކުލަވާލެއްވުމަށް އޮޑިޓާ ޖެނެރަލަށް އެންގެވީ ރައީސް އެވެ.