ބަޖެޓް 2024

ބަޖެޓް ބަހުސް ނިންމާލައިފި

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ބަހުސް މިއަދު ނިންމާލައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް ހަރަދަށް 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 12.5 ބިލިއަން ރުފިޔާގެ އިތުރުން ދަރަނި އަދާކުރުމަށް 2.2 ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ބަހުސް ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ބަހުސްގައި ކޮންމެ މެންބަރަކަށް ދީފައިވަނީ 15 މިނެޓެވެ.

ބަޖެޓް ބަހުސް ނިންމާލި ނަމަވެސް ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ބަޖެޓް ކޮމިޓީގައި އަދިވެސް ކުރިއަށް އެބަދެ އެވެ.

ބަޖެޓް ބަހުސްގައި ވާހަކަދެއްކެވި މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓަކަށް ވާތީ ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް އަލުން ސަޕްލިމެންޓްރީ ބަޖެޓެއް އަންނަ އަހަރު ހުށަހަޅަންޖެހޭ ކަމަށެވެ. ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ނޫނީ މިވަގުތު ކުރިއަށް ނުގެންދިއުމަށްވެސް ބައެއް މެންބަރުން އެދިވަޑައިގެންނެވި އެވެ.

ބަޖެޓް ދިރާސާ ކުރުމަށްފަހު ބަޖެޓް ކޮމިޓީން އެކުލަވާލާ ރިޕޯޓްވެސް އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އަދި އެ ރިޕޯޓަށްވެސް މެންބަރުން ވާހަކަދައްކަވާނެ އެވެ.