ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ދައުލަތުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައްވެސް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ 62،500 ރުފިޔާއާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރީ މެންބަރަކަށް މަހަކު އެއްލައްކަ ރުފިޔާ ލިބޭ ގޮތަށެވެ. މިބަދަލާ އެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 90،000 ރުފިޔާ އަދި މަޖިލީހުގެ ނައިބް ރައީސްއަށް މުސާރައިގެ ގޮތުގައި 88،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މަޖިލީހުގެ ރައީސްއަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 73،125 ރުފިޔާ އެވެ. މަޖިލީހުގެ ނައިބް ރައީސް އަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 71،000 ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ މަގާމުތަކުގެ މުސާރަތައް މުރާޖައާ ކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ނުރަސްމީ ބައްދަލުވުންތަކަށްފަހު މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ކަރުދާސް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެ އެވެ.

ކޮމިޓީގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވީ ކޮންމެ އިދާރާއެއްގެ މުސާރައިގެ ބަދަލުތައް ވަކިން ވޯޓަށް އެހުމަށެވެ. ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މިހުށަހެޅުމަށް ތާއީދުކުރެއްވި ނަމަވެސް ކޮމިޓީގެ ތާއީދު އެ ހުށަހެޅުމަކަށް ނުލިބުނެވެ. ކޮމިޓީން ފާސްކުރީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި ގޮތަށް މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ހިމެނޭ ހުރިހާ ތަނެއް އަދި ހުރިހާ މަގާމުތަކެއްގެ މުސާރަ ބޮޑުކުރަން އެއްފަހަރާ ވޯޓަށް އެހުމަށެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ އިތުރު ހުށަހެޅުމެއްވެސް ހުށަހަޅުއްވާފަ އެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑު ކުރި ނަމަވެސް އެ މުސާރަ ހިނގަން ފަށާނީ އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ މަޖިލީހުން ފެށިގެން ކަމަށް ކަނޑައެޅުމަށެވެ. މިހުށަހެޅުއްވުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މޫސާ ސިރާޖު ތާއީދު ކުރެއްވި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމިޓީން ނިންމީ މެންބަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ މިހާރު އޮތް 19 ވަނަ މަޖިލީހުގެ މެންބަރުންނަށްވެސް އެ މުސާރަ ހިނގާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ މިވަގުތު ބޮޑުކުރުމާ ދެކޮޅަށް ކޮމިޓީގައި ވާހަކަދެއްކެވީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.

ބޮޑުކުރާ މުސާރަތަކަށް އެކަނިވެސް އަންނަ އަހަރުގެ ބަޖެޓުން 90 މިލިއަން ރުފިޔާ ހަރަދުކުރާއިރު ދައުލަތުގެ މުސާރަތައް ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 500 މިލިއަން ރުފިޔާ އޮތީ ހިމަނާފަ އެވެ.