ބަޖެޓް 2024

ފުށިދިއްގަރުފަޅު މަޝްރޫއު އުނިކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ފައިސާ އުނިކޮށް އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފި އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރަން ފުށިދިއްގަރުފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކުރިން ހިމަނާފައި އޮތެވެ.

އަވަސްއަށް މިއަދު ވާހަކަދެއްކެވި ސަރުކާރުގެ އޮފިޝަލަކު ވަނީ ކޮމިޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބަޖެޓް ކޮމިޓީއާއި މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ ބޭނުމަކީ ސަރުކާރުން ބޯހިޔާވަހިކަން ހައްލުކުރަން ކުރާ މަސައްކަތަށް އެޅުން ކަމަށެވެ.

ފުށިދިއްގަރުފަޅު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިއްކަން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުން ރޭ ބަޖެޓް ފާސްކުރީ އިތުރު 306 މިލިއަން ރުފިޔާ އިތުރުކޮށް ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓަށް އިތުރުކުރި 300 މިލިއަން ރުފިޔާގެ ތެރެއިން 249 މިލިއަން ރުފިޔާ އަކީ ޕީއެސްއައިޕީގެ ބަޔަށް އިތުރުކުރި ފައިސާ އެވެ. ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު ޕީއެސްއައިޕީ ބަޖެޓްގައި ގޮތުގައި ހިމަނާފައި އޮތީ 8.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮމިޓީން އިތުރުކުރި ފައިސާއާ އެކު ޕީއެސްއައިޕީގެ ޖުމްލަ އަދަދު ވަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ބަޖެޓް ކޮމިޓީން ރޭ ފާސްކުރި ބަޖެޓަށް ބަލާއިރު އަންނަ އަހަރު އާމްދަނީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ޕީއެސްއައިޕީއަށް 8.9 ބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށާއި އެހެންވެ ބަޖެޓް ޑެފިސިޓް ހުންނާނީ 16.3 ބިލިއަން ރުފިޔާގައި ކަމަށް ހިމަނާފައިވެ އެވެ.