ހަބަރު

މުލިއާގެ ކައިރީ ބޮން ބޭއްވި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި މުލިއާގޭ ކައިރީ ގޮއްވާލަން ބާއްވާފައި އޮތް އައިއީޑީގެ މައްސަލާގައި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މި ހަތަރު މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ އެ ހަތަރު މީހުން، ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.

ޕީޖީ އިން ބުނެފައިވަނީ، އެކެއްގެ މައްޗަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުންނަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ކަމަށް ޕީޖީ އިން ބުންޏެވެ. އެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދު މީގެ ކުރިން ވަނީ ފަސް ފަހަރެއްގެ މަތިން އިތުރު ވެސް ކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ދެވަނަ ދުވަހުގައި މުލިޔާގޭ ކައިރިން ފެނުން އައިއީޑީއާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު އޭރު ވިދާޅުވެފައިވަނީ އެ ބޮން ގޮއްވައިލެވުނު ނަމަ 60 ފޫޓުގެ ބޮޑު އަލިފާން ގަނޑެއް އުފެދި އެތައް ބައެއްގެ ފުރާނެ ގެއްލުން އެކަށީގެންވާ ކަމަށެވެ. އަދި އެހަމަލާއަކީ ސީދާ ރައީސް އަވަހާރަކޮށްލަން ދޭން ރޭވި ހަމަލާއެއް ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 11 ގައެވެ.