މާލޭ ސިޓީ ކައުންސިލް

މާލޭގެ މޭޔަރު ހޮވުން ޖެނުއަރީ 13ގައި

މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މޭޔަރުގެ މަގާމުގެ ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ޝައުގުވެރިވާ ފަރާތްކަށް މާދަމާ އިން ފެށިގެން ކުރިއަށް އޮތް ޑިސެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އީސީ އިން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކުވެސް އިސްތިއުފާ ދެއްވާފައިވާތީ މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަނާ އެކު ކައުންސިލަރުން ހޮވުންވެސް އެއް ދުވަހަކާ ކުރިއަށް ގެންދިއުމަށެވެ. ހަމަ އެދުވަހު ރަކީދޫ ކައުންސިލްގެ މެންބަރަކާއި 18 ރަށެއްގައި ޑަބްލިއުޑީސީ އިން ހުސްވެފައިވާ ގޮނޑިތަކަށް މީހުން ހޮވުންވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކޫރާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލެ ސިޓީ ކައުންސިލްގައި ކައުންސިލަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހް އާއި، އަލަށް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ޕާޓީ -- ޕީއެންއެފްގެ ފަރާތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.