ޑރ. މުހައްމަދު މުއިއްޒު

ރައީސް ސޯލިހް ރުހުން ހޯދަން ފޮނުއްވާފައިވާ ނަންތަކެއް ރައީސް މުއިއްޒު އަނބުރާ ގެނެސްފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައެއް މަގާމުތަކަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ ގެންދަވައިފި އެވެ.

އެގޮތުން ގެންދަވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ނަންތަކާއި، ބަންގްލަދޭޝް، ޕާކިސްތާން، ޗައިނާ އަދި ޔޫއޭއީގެ ސަފީރު ކަމަށް އައްޔަންކުރަން ފޮނުއްވި ނަންތަކެވެ.

އަނބުރާ ގެންދިއުމަށް ނިންމާފައިވާ ބައެއް މައްސަލަތައް ހުރީ ކޮމިޓީ މަރުހަލާވެސް ނިމިފަ އެވެ. އަދި ބައެއް މައްސަލަތައް ކޮމިޓީން ގެންދަނީ ދިރާސާވެސް ކުރަމުންނެވެ.

ގައުމުތަކަށް ސަފީރުން އައްޔަންކުރަން ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފައި ވަނިކޮށް އެ ނަންތައް މަޖިލީހަށް ފޮނުވުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.