- ގައުމަށް ހެޔޮ އެދޭ ނަމަ ޓޫރިޒަމް ބޮއިކޮޓް ކުރަން ނުގޮވާނެ
- ބޮއިކޮޓް ކެމްޕޭންތަކާ އެކުވެސް ޓޫރިސްޓުންގެ އިތުބާރު އެބަ އޮތް
- ބޮއިކޮޓް ކެމްޕޭންގެ އަސަރު ކުރާނީ އާންމު މީހާއަށް
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުމަކީ ރައްޔިތުންނާއި ޒުވާނުންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ބޭންކް އޮފް މޯލްޑިވްސް ކ. މާފުށީ ބްރާންޗް ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ އަކީ ޓޫރިސްޓުންނާ ބީރައްޓެރި ގައުމެއް ކަމަށް ދެއްކުމަށް އިނދިކޮޅު ފަރާތްތަކުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާ އެކަމަށް ކުރެވޭ މަސައްކަތްތައް ކުރަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ހުރިހާ ގެއްލުމެއް އޮތީ އާންމު ރައްޔިތުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖެއަށް ފަތުރުވެރިން ނައުމަށް އަދި ފަތުރުވެރިންނާއި ބީރައްޓެރި ތަނެއްކަން ކިޔައި ދިނުމަށްޓަކައި ބޭރުގެ އެކި ކަރަކަރައިގައި، ރައްރަށުގައި ތިބެގެން ދިވެހި ރާއްޖެއަށް މީހުން ނައުމަށް ގޮވާ!.. އަޅުގަނޑު ދަންނަވާނީ މިއީ ދިވެހިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއޭ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ދިވެހި ވިޔަފާރިވެރިންނާއި ދިވެހި ޒުވާނުން އަދި ދިވެހި ހިތްތަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށެވެ.
"މި ކަންތައް [ރާއްޖެ ބޮއިކޮޓް] ކުރުން ހުއްޓުވުމަށް ގޮވާލުމަކީ މިއަދު ކޮންމެ ދިވެއްސެއްްގެ ވާޖިބެއް. ދިވެހިރާއްޖެ ބޮއިކޮޓް ކުރާކަށް ރާއްޖެ ދެކެ ލޯބިވާ އެއްވެސް ވެރިއަކު އެއީ ޒަމާނެއްގައި ވެރިކަން ކުރެއްވި ބޭފުޅަކަށްވިއަސް އަދި ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ރަނގަޅު ކުރަން ބޭނުންފުޅުވާ ބަޔަކު ވެސް ކުރާނެ ކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖެ ބޮއިކޮޓް ކުރަން ގޮވާގޮވުން ހުއްޓާލުމަކީ މާފުށި ފަދަ ރައްރަށަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.
"ލޯކަލް ޓޫރިޒަމްގައި ޗެމްޕިއަނުންނަށް ވުމަށްޓަކައި މަސައްކަތްކުރާ ރައްރަށަށް ވެސް އަދި ވިޔަފާރިތަކަށް ވެސް ޒުވާނުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އެއްވެސް ބޭންކެއް ވެސް އަދި ފައިނޭންޝަލް ޕްރޮޑަކްޓެއް އަންނާނީ އެ ތަނެއްގައި ހަމަޖެހޭ ވެއްޓެއް ގާއިމްވެފައި ހުރި ކަމަށްވާނަމަ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމު އޮތް ހަމަބޮލިކަމުގެ ތެރޭގައި ވެސް ރިސޯޓުތަކުގެ އެނދުތަކުގައި ޓޫރިސްޓުން ތިބުމަކީ ރާއްޖެއާ ދޭތެރޭ އޮތް އިތުބާރު އެނގިގެންދާ ކަމެއް ކަމަށެވެ.