ވިޔަފާރި

އެސްއެމްއީ ލޯނުގެ އިންޓަރެސްޓް ހަތް ޕަސެންޓަށް ކުޑަކޮށްފި

  • ކުރިން ދޫކުރީ ނުވަ ޕަސެންޓުގައި
  • ލޯނު 61 ފަރާތަކަށް ލިބޭ
  • އީދުގެ ފަހުން ހުޅުވާއިރު ފައިސާ ދޫކުރާނެ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ، އެސްއެމްއީ ލޯން ސްކީމްގެ އިންޓަރެސްޓް ރޭޓް ދެ ޕަސެންޓް ކުޑަކޮށްފި އެވެ. އެސްއެމްއީ ލޯނުގެ އިންޓަރެސްޓް ރޭޓް މިހާރު ހުންނަނީ، ނުވަ ޕަސެންޓްގަ އެވެ.

އެ ލޯނު ދޫކުރުމުގެ ކަންކަން ބީއެމްއެލްއާ ހަވާލު ކުރުމަށް އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެސްއެމްއީގެ ދަށުން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯން ސްކީމްގެ އިންޓަރެސްޓް ރޭޓް ނުވަ ޕަސެންޓުން، ހަތް ޕަސެންޓަށް މިހާރު ކުޑަކޮށްފައިވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން ވަރަށް އިސްކަން ދެއްވާ ކަމެއް ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމުން. އެމަނިކުފާނުގެ އެދިލެއްވުމެއް އިންޓްރެސްޓް ރޭޓް ކުޑަ ކުރުމަކީ. އެގޮތުގެ މަތިން ކުރިއަށް ގެންދާ ކަމެއް މިއީ. މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ލިބޭ ބާރެއް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ދޫކުރާ "އެސްއެމްއީ" ލޯނުގެ 61 ފަރާތަކަށް ދޫކޮށްފައިވެ އެވެ. މިލޯނު އޯޕަން ކެޓަގަރީން 18 ފަރާތަކަށް ދޫކޮށްފައިވާއިރު، އަށް ފަރާތަކަށް ހިދުމަތް ހޯދުމުގެ ދާއިރާއިން ލޯނު ދީފައިވެ އެވެ. އަދި 14 ފަރާތަކަށް ދަތުރުފަތުރު ކުރުމުގެ ދާއިރާއިން ލޯނު ދޫކޮށްފައިވެ އެވެ.މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން ލޯން ދޫކޮށްފައި ވަނީ 11 ފަރާތަކަށެވެ. އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއް ފަރާތަކަށް ލޯން ވަނީ ދޫކޮށްފަ އެވެ.

އެސްއެމްއީ ލޯނު ދެނީ އަމިއްލަ ފަރުދަކަށް ގިނަގެން 500،000 ރުފިޔާ އެވެ. ކުންފުނިތަކަށް ދޫކުރަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ.

"އެސްއެމްއީ" ލޯނު އަދާކުރަން ޖެހެނީ 6 އަހަރުންނެވެ. އަދި ގްރޭޑް ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ލިބެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އީދުގެ ފަހުން ލޯނު ލިބުނު ފަރާތްތަކަށް ލޯނު ދޫކުރާނެ ކަމަށާއި، މިއީ ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

"މިއީ ވިޔަފާރި ފަށާ ފަރާތްތަކާއި އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށްވެސް ލިބިގެން ދިޔަ ކުރިއެރުމެއް. އީދުގެ ފަހުން އަތަށް ފައިސާ ލިބޭނެ. އީދު ޗުއްޓީ ނިމިގެން ހުޅުވޭއިރު ދޫކުރާނެ. މިއީ ވިޔަފާރިއަށް ނުކުންނަ ފަރާތްތަކަށް ލިބޭނެ އުފަލެއް،" ސައީދު ވިދާޅުވި އެވެ.