ބޭންކް އޮފް މޯލްޑިވްސް

ރައީސްގެ ވައުދާ އެއްގޮތަށް މާފުށީގައި ޑޮލަރު ނެގޭ އޭޓީއެމްއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

މާފުށި ބްރާންޗުގައި އިއްޔެ އަލަށް ބެހެއްޓި މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށްވެސް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބެ އެވެ.

މިއީ މާލެ އިން ބޭރުގައި ބެހެއްޓި ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމް އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައި ހުރި އޭޓީއެމް ނެޓްވޯކަށް އިތުރުވެގެންދާ އެޓީއެމް އެކެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުން ކަމަށެވެ.

"އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން ވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާވެސް ކޮށްފަ އެވެ. އެގޮތުން މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި، ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބެ އެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސް އިއުލާންކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު އެވެ.