މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަ އާ ސަރުކާރުން ކުރިއަށް ގެންދަން ބޭނުން ނުވާތީ އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
އިސްލާމް ދީނުގައި ދަރިންގެ ނަސަބު ކަނޑައެޅުމަށް ހަމަޖެހިފައި ހުންނަ އުސޫލުތަކުގެ ބޭރުން ބައްޕަ ސާބިތުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ނިމިދިޔަ ސަރުކާރުގައި ބަންޑާރަނައިބްގެ އޮފީހުންނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންޑޮނީޝިއާ އަންހެނަކު ވިހާފައިވާ ކުއްޖެއްގެ ބައްޕަ އަކީ ދިވެހި ފިރިހެނެއް ކަމަށް ބުނެ އެ އަންހެން މީހާ ކުއްޖާ ދޫކޮށް ރާއްޖެއިން ފުރުމުން އެ ކުއްޖާ ދައުލަތަށް ނެގުމަށްފަހު އެވެ. ކުއްޖާ ވިހާފައިވަނީ ދަރި ލައްވާ މުއްދަތުގެ ބޭރުން ކަމަށް ކޯޓުގައިބ އޮތް މައްސަލައިގައި ބުނެފައިވެ އެވެ.
މަދަނީ މިންގަނޑުން މިކުއްޖާގެ ބައްޕަ ސާބިތުކުރުމަށް ދައުލަތުން ފެމިލީ ކޯޓާއި ހައިކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުންވެސް ނިންމާފައިވަނީ ޝަރުއީ އުސޫލުތަކުގެ ބޭރުން ބައްޕަ ސާބިތުކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެހެންވެ މިދިޔަ ސަރުކާރު ނިމުނުއިރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ބަންޑާރަނައިބްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ ދިރާސާކުރުމަށްފަހު ކުރިއަށް ގެންދަން ބޭނުން ނުވާތީ އެ މައްސަލަ އަނބުރާ ގެނައުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ ނުވަވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައިވާ ގޮތުން ދިވެހި ރައްޔިތަކަށް ވެވޭނީ ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއަކަށެވެ.
ނަމަވެސް ހައި ކޯޓުން ނިންމީ ޝަރުއީ އުސޫލުތަކުގެ ބޭރުން ބައްޕަ ސާބިތުކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.