ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު، ތުރުކީގެ ނައިބް ރައީސްއާއި ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީގެ ނައިބް ރައީސް ޝޭވްދޭތު ޔިލްމާޒްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ތުރުކީގެ ނައިބް ރައީސް ވަނީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެންނެވީތީ މަރުހަބާ ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާމެދު ހިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ރާއްޖޭގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ރާވާފައިވާ ބޮޑެތި ކަންކަމާ ގުޅޭ މައުލޫމާތު ރައީސް މުއިއްޒު ހިއްސާކުރެއްވި އެވެ.

ޣައްޒާގައި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކަށް ބައިނަލްއަގްވާމީ ދުނިޔެއިން އެދެވޭ ރައްދެއް ނުލިބޭތީ ދެ ބޭފުޅުންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް އެ ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް ރާއްޖެއާއި ތުރުކީ އިން ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށްވެސް ދެ ބޭފުޅުންގެ ވާހަަފުޅުގައި ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ތުރުކީގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމަތް ނުރީ އަސޯއި އާވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓާކިޝް އެއާލައިންސްގެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތުރުކީގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ މެދުވެސް މަޝްވަރާ ކުރައްވާފަ އެވެ. އަދި ދިވެހި ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާ މެދު ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މެއި 28، 1979 ގައެވެ.