ޑރ. މުހައްމަދު މުއިއްޒު

ދިވެހިން ފަލަސްތީނަށް ކުރާ ތާއީދަށް ބަދަލެއް ނާންނާނެ: ރައީސް

ފަލަސްޠީނުގެ ރައްޔިތުން ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އަދި އެ މަސައްކަތުގައި ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުންގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސަރު ޑރ. ނޫމާން ކުރްތުލުމުސްއާ އަދި ޕާލިމެންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ހާއްސަ ޝަރަފެއް ކަމަށެވެ. ވަކިން ހާއްސަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެކިއެކި މައުޟޫއުތަކުން މަޝްވަރާކުރައްވައި ތުރުކީގެ ރައީސްއާއި އަދި ތުރުކީ ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުންވެސް ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ގައުމެއް ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައިވަނީ ބޮޑު ސަރަހައްދަކަށް ކަމަށެވެ. އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިއްމު ހިސާބެއްގައި ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރެއްވުން ކަމުގައިވެސް ވިދާޅުވި އެވެ. ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.