އިލެކްޝަންސް ކޮމިޝަން

ޕީއެންސީގެ 12،000 ފޯމު އީސީއަށް ހުށަހަޅައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ 12،000 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.

ޕީއެންސީގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ޕީއެންސީގެ 12،000 ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރި މަސައްކަތްތަކާއި ގުޅިގެން އެ ޕާޓީއަށް ލިބިފައިވާ އިތުރު 20،000 ފޯމު އޮތް ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ޗެއާޕާސަން އަދި ރައީސް ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވަނީ މިއަހަރުގެ ނިމުމުގެ ކުރިން ޕީއެންސީ އަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ހެދުމުގެ އަމާޒެއް ކަނޑައަޅުއްވާފައި. އަޅުގަނޑުމެން މިދަނީ އެ އަމާޒަށް މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ކޮމިޝަންގެ ވެބްސައިޓްގައި އަޕްޑޭޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އެ ދުވަހު އަޕްޑޭޓް ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ޕީއެންސީގައި ތިބީ 3،159 މެންބަރުންނެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް އެ ޕާޓީން ފެށީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބަށްފަހު ރައީސްގެ އެދިވަޑައިގަތުމަކަށެވެ.

ރައީސް މުއިއްޒު ވަނީ ޕީއެންސީއާއި އެކު އެއް ކޯލިޝަނެއްގައި އޮތް މައި ޕާޓީ -- ޕީޕީއެމް އިން މެންބަރުން ވަކިނުކޮށް ޕީއެންސީއަށް 10،000 މެންބަރުން ހަމަކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް މިހާރު ޕީއެންސީއަށް ވަންނަމުންދާ ގިނަ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ.