ކުރީގެ ވެސްޓްޕާކް ކައިރީގައި މީގެ 11 އަހަރު ކުރިން މ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މުހައްމަދު ޝައިފަން މެރުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ އަލީ ޝިފާން މަރާލީ އޭޕްރީލް 1، 2012 ގައެވެ.
މިމައްސަލައިގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ ޝައިފަން މެރުމަށް ހައިކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ.
ކްރިމިނަލް ކޯޓުގައި ޝައިފަންގެ މައްޗަށް ކުށް ސާބިތު ވެފައެއް ނުވެ އެވެ. ދަށު ކޯޓުން އެގޮތަށް ނިންމީ ހެކިވެރިންގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ހައިކޯޓުން ކުރި ހުކުމް ޝައިފަންގެ ފަރާތުން އިސްތިއުނާފް ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ޝިފާން މަރާލި ދުވަހު އެތަނުގައި ޝައިފަން ހުރެ ހަމަލާ ދިން ކަމަށް ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. އަދި ހަމަލާދިން ސަރަހައްދުން ފުލުހުންނަށް ލިބުނު ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭ ދިމާވާ ކަމަށްވެސް ހުކުމްގައިވެ އެވެ.
އެހެންވެ މިމައްސަލަ ނިންމީ ހެއްކާއި ޑީއެންއޭއަށް ބަލައިގެންނެވެ. ސުޕްރީމް ކޯޓުން އެންމެ ފަހުން މަރުގެ ހުކުމެއް ދެމެހެއްޓީ 2016 ވަނަ އަހަރު އެވެ.
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދުއާއި، ފަނޑިޔާރު ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ.