ފާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ދިޔާ ބޭސް ވިއްކުން ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައިވަނީ ފާމިކްސް ލެބޯޓްރީސް އިން އުފައްދާ ބައެއް ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ ޕާމިކްސްގެ ދިޔާ ބޭސްތަކުގައި މި ދެ ކެމިކަލް ހުރި ކަމަށް ބޭރުގެ އެހެން ގައުމުތަކުންވެސް އާއްމުކޮށް އަންގަމުންދާ ކަމަށެވެ.
ރާއްޖޭގައި ފާމިކްސްގެ ދިޔާ ބޭސް ވިއްކުން މަނާކޮށްފައި މިވަނީ ރާއްޖޭގައި ވިއްކަމުން ދިޔަ އެ ކުންފުނީގެ ދެ ބޭހަކުން ކެމިކަލް ފެނުނު ފަހުންނެވެ.
"[ފާމިކްސް] ކުންފުނީގެ ދިޔާ ބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މި ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި އާއްމުކޮށް އަންގާ އިއުލާންކުރަމެވެ." އެލާޓުގައިވެ އެވެ.
ރާއްޖޭގައި ވިއްކުމަށް ހުއްދަ ދީފައިވާ ޕާމިކްސް ލެބޯރިޓީގެ ހަ ބޭހެއްގެ މައުލޫމާތުވެސް އެމްއެފްޑީއޭ އިން މިއަދު ވަނީ ހާމަކޮށްފަ އެވެ. އަދި ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އެ ބޭސްތައް ނައްތާލުމަށްވެސް ވަނީ އަންގާފަ އެވެ.