ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކައި އިލްމީ ދިރާސާއެއް އަންނަ އަހަރުގެ ތެރޭގައި ހަދާނެ ކަމުގައި މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ލާމަސީލު ލާމު، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް މިންކުރުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ލ. ގަމުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގަން ފަށާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް މިއަދު އެނގިގެންދާ ކަމަށެވެ. މިނިޒާމުގެ މަސައްކަތް ރަނގަޅަށް ފެށުނުނަމަ ކައުންސިލްތައް އިންތިހާބުކުރަން ފެށިތާ 13 ވަރަކަށް އަހަރުގެ ތެރޭގައި ލާރުމަޒީ ގާނޫނަށް 10 އިސްލާހު ގެނެސް ގާނޫނުއަސާސީގެ ލާމަރުކަޒީ ބާބަށް މިހާ އަވަހަށް އިސްލާހު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިންގަމުންދާތާ ގާތްގަނޑަކަށް 13 ވަރަކަށް އަހަރު މިވަނީ. ބައެއް ހާލަތްތަކުގައި ތިން ކައުންސިލަރުން ތިއްބަވައިގެން އަނެއް ބައި ހާލަތްތަކުގައި ފަސް ކައުންސިލަރުން ތިއްބަވައިގެން އެކި ރަށުގައި އެކި އަދަދަށް އެކި ގޮތަށް މިމަސައްކަތް ކުރެވިއްޖެ. ބައެއް ހާލަތްތަކުގައި ތިން އަހަރު. ބައެއް ހާލަތްތަކުގައި ފަސް އަހަރު،" ކައުންސިލްތަކުގެ ދައުރަށް ގެނެވުނު ބަދަލުތަކަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އަވަސް އަވަހަށް ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި ރައްޔިތުންނާއި ކައުންސިލްތަކުގެ ހިޔާލު ހިމަނައިގެން ލާމަރުކަޒީ ނިޒާމާ ގުޅޭ އިލްމީ ދިރާސާއެއް ހަދަންޖެހޭ ކަމަށެވެ. އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ތައުލީމީ އިދާރާއަކާ ހަވާލުކޮށްގެން އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާ ކަމާ ގުޅޭ ނަތީޖާ ނެރެދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު މިހާރު މިހިނގަމުންދާ ގޮތަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ރައްޔިތުން މިއަދު އެބަޖެހޭ ނިންމަން. ރައްޔިތުން އެބަޖެހޭ މިކަމާ ވިސްނަން. ރައްޔިތުން އެބަޖެހޭ މިކަމާ ފިކުރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިސަރުކާރުން ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއެއް އަލުން އުފަންކުރީ ކުރީގެ އެޓޯލްސް މިނިސްޓްރީން އަތޮޅު ތެރޭގެ ރަށްތައް މައި ސަރުކާރުން ކޮންޓްރޯލް ކުރި ގޮތަށް ކައުންސިލްތައް ކޮންޓްރޯލް ކުރުމުގެ ވިސްނުމުގައި ކަމަށް ފާޑުކިޔާ ބައެއް މީހުން ބުނެ އެވެ. އެކަމަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ އެމަނިކުފަނު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރާއި މާލޭގެ މޭޔަރުގެ ގޮތުގައި ހުންނެވި ދުވަސްވަރު ކުރެއްވި ކަންކަން އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވުމަށްފަހު ކައުންސިލްތަކުގެ ހިންގުމަށް އަދި ރަށްތަކުގެ ތަރައްގީއަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމަނިކުފާނު މަގާމުގައި ހޭދަކުރެއްވި 14 ދުވަހުގެ ތަޖުރިބާ އިން އެނގިވަޑައިގަތީ ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއެއް ހުރުމުގެ މުހިއްމު ކަމެވެ. ވަރަށް ޒިންމާދާރާ ކަމާ އެކު މަސައްކަތް ކުރާ ކައުންސިލްތަކާއި އަދި ވަރަށް ބުރަކޮށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ މުވައްޒަފުން މަސައްކަތް ކުރާއިރު ލާމަރުކަޒީ ނިޒާމާ އެކު ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއެއް ނެތުމުން ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ކައުންސިލްތަކުގެ މައުލޫމާތު ދާންޖެހޭ މިންވަރަށް ނުދާކަން މިދިޔަ 14 ދުވަސް ތެރޭގައި އެނގިވަޑައިގެންނެވި ކަމަށެވެ. އަދި މިފަދަ މިނިސްޓްރީއެއް ނެތި އަތޮޅުތައް ތަރައްގީކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަންވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ މިމައްސަލަތައް ހައްލުކުރުމުގައި ރަށްރަށުގެ ފަރާތުން ރައްރަށުގެ ރައްޔިތުންނަށް މިދިމާވާ ގޮންޖެހުންތަކާ އެކީގައި އިރާދަކުރެއްވިއްޔާ ސަރުކާރަށް ކެބިނެޓަށް ގެންގޮސްދޭ މީހަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް އަދި ރައްޔިތުންނަށް އެ މީހުންގެ ރަށްތަކުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ކައުންސިލްތައް ހުރިހާ ގޮތަކުންވެސް މިސަރުކާރުން އެހީތެރިވާނެ ކަމަށެވެ. އޭގެފަހުގައި ކައުންސިލްތަކުގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތީ ދައުލަތުގެ ބަޖެޓުން ލިބޭ އެއްޗަކަށް ބަރޯސާ ނުވެ ރަށްރަށުގައި ހުރި ވަސީލަތްތަކުން އާމްދަނީ އިތުރުކޮށް ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ.