ޑރ. މުހައްމަދު މުއިއްޒު

މަނާ ޕްލާސްޓިކްގެ ބާވަތްތަކަށް ބަދަލުތަކެއް

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ގަރާރުގައިވާ ލިސްޓްގައި ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން 14 ބާވަތުގެ ތަކެއްޗަކީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅުއްވާފައިވެ އެވެ.

މިލިސްޓްގައިވާ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތާރީހުތަކެއް ވެސް ގަރާރުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް ފުރަތަމަ ފަހަރަށް އެކުލަވާލާ އެ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރާ ގޮތަށް ނިމިދިޔަ ސަރުކާރުގައި ފުރަތަމަ ފަހަރަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވީ ޑިސެމްބަރު 30، 2021 ގައެވެ.

ރައީސް މުއިއްޒު ފުރަތަމަ ފަހަރަށް އެކުލަވާލެއްވި ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން ނެރުއްވި ގަރާރުގައި އެތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކުރާ ތާރީޚަށް ބަދަލުގެންނަވައިފައި ވަނީ މި ލިސްޓުގެ 13 ވަނައިގައި ހިމެނޭ ބާވަތަށެވެ. އެގޮތުން އަލަށް ގެންނަވައިފައިވާ ބަދަލާއެކު އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އަންނަ އަހަރުގެ އޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާ ވާނެ އެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުންވެސް މަނާ ވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގަރާރު ނެރުއްވުމާއެކު، ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރީން ކަނޑައަޅައިފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި، އެތަކެތި ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމާ ގުޅޭގޮތުން ކުރިން ކަނޑައަޅުއްވައިފައި އޮތް ގޮތް ވަނީ ބާތިލްވެސް ކުރައްވާފަ އެވެ.