ހަބަރު

އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި ބާއްވައި ޖޫރިމަނާތައް ބޮޑު ކުރަނީ

Feb 23, 2016
11
  • މީހުންގެ އަނބުރާ ބެހުމަށް ފުރުސަތެއް ނުދޭނަން
  • ޖޫރިމަނާ ނުދައްކާ ހިސާބުން ޖިނާއީ ކުށަކަށް ބަދަލުވާނެ
  • މީޑިއާތައް ވެސް ޒިންމާދާރުވާން ޖެހޭ

އަބުރާއި ބެހުމުގެ ކުށް އޮންނާނީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެކުށުގެ ޖޫރިމަނާ އަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑު ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަހިބަދޫގައި ސާފު ބޯފެނުގެ ނިޒާމް އިފްތިތާހުކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަބުރާ ބެހުމުގެ ކުށަށް ބޮޑެތި އަދަބުތައް ކަނޑައެޅުމުގެ ވާހަކަ ރައީސް ދެއްކުމުން އެއީ އިދިކޮޅު ފަރާތްތަކަށް ބޮޑު މައްސަލައަކަށްވެ، އެބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަން ފައްޓަވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އަނބުރާ ބެހުމުގެ ކަންކަން ރާއްޖޭގައި މިހާރު ގޮސްފައި އޮތް ދަރަޖައިން އެކަމަށް ހުރި ކުށްތައް ބޮޑުވާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އަނބުރާ ބެހުމަކީ ޖިނާއީ ކުށަކަށް ބަދަލު ކުރުމުގެ ވިސްނުން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ، އެކަމަށް މިހާރު ހުރި ޖޫރިމަނާތައް ބޮޑު ކުރަންށެވެ.

"އަޅުގަނޑުމެންނަކީ ވެސް ސިޔާސީ ޕޯޑިއަމް ތަކުގައި ތިބެގެން މިފަދަ ތަފާތު އެކި ވާހަކަތައް ދެއްކި މީހެއް. ނަމަވެސް އެންމެ ފަހަރަކުވެސް ނީންނާނެ މީހެއްގެ އަބުރަކާއި ބެހެފައެއް. ޒާތީ ވާހަކައެއް ނުދައްކަން. އެހެން ނަމަވެސް މިއަދު އެކަން ކަމާއި މެދު ރައީސްގެ ވިސްނުން ބިލެއްގެ ސިފައިގައި މަޖިލީހަށް ފޮނުވާ ވާހަކަ ދެއްކީމަ ބައެއް ފަރާތްތަކަށް މިކަން ވަަރަށް ބޮޑު ވެއްޖެ،" ރައީސް ޔާމިން ވިދާޅުވި އެވެ. "އެއީ ޖިނާއީ ކުށެއްގެ ގޮތަކަށް ބަދަލު ކުރާކަށް އަޅުގަނޑުގެ ހިިޔާލެއް ނެތް. ނަމަވެސް އަބުރާ ބެހެވެނީ ކޮން ފެންވަރެއްގެ މީހެއްތޯއާއި އަދި އަބުރާ ބެހެވެނީ މުޖުތަމައުގެ ކިހާވަރެއްގެ ބުރަދަނެއް ހުރި މީހަކަށް ކަން، ރިޔާއަތްކޮށްފަ ގާނޫނުގައި ބޮޑެތި ޖޫރިމަނާ އަދަދުތަކެއް ހިމަނާނަން،"

ރައީސްގެ ވިސްނުންފުޅު އިތުރަށް ހާމަ ކުރަމުން ވިދާޅުވީ އަނބުރާ ބެހުމުގެ ކުށް ޖިނާއީ ކުށަކަށް ބަދަލު ވާނީ، ހުކުމް ކުރުމުން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ނުދެއްކުމުންނެވެ. އަދި އެއީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށް ސަރުކާރަށް ވިސްނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ހަބަރު ފަތުރާ ވަސީލަތްތަކުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ތަކުރާރުކޮށް މީހުންގެ އަބުރާއި ބެހެމުން ދާކަމުގައިވާ ނަމަ އެފަރާތްތަކުން ވެސް ޒިންމާދާރު ވާން ޖެހޭ ކަމަށެވެ. އަދި އެކި ވާހަކަތައް ފަތުރަން ޖެހޭނީ ޒިންމާދާރު ކަމާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެން ކަމުން ހަބަރު ފަތުރާ ވަސީލަތްތަކަށް ވެސް އަޅުގަނޑު އިލްތިމާސް ކުރަނީ މިކަމުން ރައްކާތެރިވެގެން ތިބެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއާ މެދު ތަފާތު ވާހަކަތައް ނަޝީދު ދައްކަވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސްކަން ކުރެއްވި މީހެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތިފުށް ރާއްޖެއިން ބޭރުގައި ނިއުޅާލުމަކީ އެމަނިކުފާނު އާހިރުގައި ޒިންމާވެ ވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މައްސަލަތަކުގައި ދިވެހިންގެ އަމިއްލަ ހައްލުތައް ހޯދޭނެ އެވެ. މީގެ އިތުރަށް ވެސް ރައީސް ވިދާޅުވީ، މިނިސްޓަރެއްގެ ގޮތުގައި ތިއްބެވި ނޫނީ ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކާ ދެމެދު ޓެކްސްޓުން ވެސް މުއާމަލާތްތައް ހިނގާފައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެން އެއްވެސް މުއާމަލާތެއްގައި ގާނޫނާ ހިލާފު ކަމެއް ކުރުމަށް އެންގުމެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ މުއާމަލާތްތައް ހާމަ ކުރުމުން އެ ދޭހަވަނީ އެފަދަ ބޭފުޅުން ހުވަޔާއި ހިލާފުވުމާއި އެފަދަ ފަރާތްތަކުގެ ދަށު ދަރަޖަކަމަށް ރައީސް ވިދާޅުވި އެވެ.