ދުނިޔެ

ޔަހޫދީންނަށް އެއްވެސް ކަމެއް ހާސިލެއް ނުވާނެ: ހަމާސް

އޮކްޓޯބަރު ހަތެއްގައި ޒަޔަނިސްޓުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް 50 ދުވަހަށްފަހު -- އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަސީރުން މިނިވަންކުރުމަށް އޮކްޓޯބަރު 24 ގައި މެދުކަނޑާލި އެވެ.

އެއަށްފަހު ޔަހޫދީ ޖެޓުތަކުން މިއަދު އަނެއްކާވެސް ވަނީ ޣައްޒާއަށް ހަމަލާ ދޭން ފަށާފަ އެވެ.

ޒަޔަނިސްޓުން ބުނީ ހަމަލާތައް އަލުން ފަށަން ޖެހުނީ ހަމާސްއާ ހެދި ކަމަށެވެ. ހަމާސްއިން އެއްބަސްވި ގޮތަށް އަމަލުނުކުރުމުން ޣައްޒާއަށް ހަމަލާދޭން ފެށީ ކަމަށްވެސް ޔަހޫދީން ބުނެ އެވެ.

ހަމާސްއިން ބުނީ ޔަހޫދީން ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

ޒަޔަނިސްޓުން ޣައްޒާއަށް ހަމަލަދޭން އަލުން ފެށީ ހަމާސްއިން ކުރި ކަމަކުން ނޫން ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލުމުގެ ކުރިން ޔަހޫދީންނަށް ހާސިލުނުކުރެވުނު ކަމެއް -- ހަމަލާތައް އަލުން ފެށި ނަމަވެސް ހާސިލް ނުވާނެ ކަމަށް ހަމާސް އިން ބުނެ އެވެ.

ހަމާސްއިން ބުނީ ޔަހޫދީން ކިތަންމެ ވަރަކަށް ހަމަލާދިން ނަމަވެސް ހަތިޔާރު ނުބަހައްޓާނެ ކަމަށެވެ.

ޒަޔަނިސްޓު ޔަހޫދީންގެ ކުރިމަތީގައި އަމާން ނުދޭނެ ކަމަށާއި -- ހަމަލާތައް ހުއްޓާލާނެ އޮތީ އެންމެ ގޮތެއް ކަމަށްވެސް ހަމާސްއިން ބުންޏެވެ. އެއީ ފަލަސްތީންގެ ބިންތައް ދޫކޮށްފައި ޒަޔަނިސްޓް ޔަހޫދީން ދިއުން ކަމަށްވެސް ހަމާސްއިން ބުންޏެވެ.

ޒަޔަނިސްޓުން އެ ތިބީ މުސްލިމުންގެ މުގައްދަސް ބިންތަކެއް ހިސާރުކޮށްގެންނެވެ. ފަލަސްތީނަށް ނިސްބަތްވާ ބިންތަކުގައި މިހާރު ދިރިއުޅޭ އެއްވެސް ޒަޔަނިސްޓަކީ އެ ފަސްގަނޑަށް ނިސްބަތްވާ މީހެއް ނޫން ކަމަށްވެސް ހަމާސްއިން ބުނެ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުން ޒަޔަނިސްޓް ޔަހޫދީން ގެނެސް ހިސާރުކޮށްފައި އޮތް ބިންތަކުގައި ވަޒަަންވެރިކުރުމަކުން އެ މީހުންނަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔަހޫދީ އާބާދީތައް އިތުރުކުރި ވަރަކަށް ހަމާސްގެ ދުއްތުރާތައް ކުރިމަތިވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.