ހަބަރު

"ފިނިފެންމާ" ގޮއްވާލި މައްސަލަ މި ހަފްތާ ނޫނީ އަންނަ ހަފްތާ ޕީޖީއަށް ފޮނުވާނެ: ރައީސް

Feb 23, 2016
2
  • އަދީބު އެކަން ނުކުރައްވާ ކަމަކަށް ނުހެދޭނެ
  • އަދީބުގެ މައްސަލަ ކުރިން ނުބެލި އޮތީ ނުފޫޒު ގަދަކަމުން
  • އަދީބުގެ ޖަރީމާތަކަށް ރައީސް އާއި މިނިސްޓަރުން ޒިންމާވާކަށް ނުޖެހޭ

ރައީސް އަބްދުﷲ ޔާމިންއަށް އަމާޒުކޮށް ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ނިމި، މި ހަފްތާ ނޫނީ އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލައިގައި ދައުވާ ކުރަން ފުލުހުން މައްސަލަ ޕީޖީ އަށް ފޮނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މަހިބަދޫގެ ފެނުގެ ނިޒާމް އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރައީސްއެއްގެ ފުރާނަ ދުއްވާލަން ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެ ޖަރީމާއެއް ހިންގީތީ އެކަމާ ކަންބޮޑުވެގެން ބައެއް ފަރާތްތަކުން ނޫޅޭ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ އެތައް ކުށެއް ނެތް ބައެއްގެ ފުރާނަ އެކީ ނެތިގެން ދާވަރުގެ ބޮޑު ޖަރީމާ އެކެވެ. ރައީސް ސުވާލު އުފެއްދެވީ އެކަމާ އެއްވެސް ވަރަކަށް ކަންބޮޑުނުވާ ބަޔަކު ރާއްޖޭގައި ތިބީމަ އެވެ.

އެފަދަ ބޮޑު ކުށެއް ކުރި ކަމުގައި ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމުން އެކަމާ ސުވާލު އުފައްދާ ކަމަށް ރައީސް ވިދާޅުވި އެވެ. ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ނުއުފުލާ ކޮރަޕްޝަންގެ ދައުވާތަކެއް އުފުލާ ސަބަބާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާތީ ރައީސް އެކަމަށް ރައްދު ދެއްވަމުން ވިދާޅުވީ، ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެ ތަހުގީގަކީ ބޮޑު ތަހުގީގެއް ކަމަށާއި އެކަމުގައި ދައުވާ އުފުލޭނީ މައްސަލަ ފުލުހުން ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީއަށް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކަންބޮޑުވާން ޖެހޭނީ މިފަދަ ބޮޑެތި ޖަރީމާއެއް ނައިބު ރައީސްއަކަށް ހުންނެވި ބޭފުޅަކު ހިންގީތީ އެކަމާ މެދުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑަކީ ދައުވާ އުފުލާ މީހެއް ނޫން. އެކަން ކުރާނީ ޕީޖީ. އެކަން ޕީޖީއަށް ކުރެވޭނީ ތަހުގީގެއް ނިންމައި ފުލުހުން ފޮނުވުމުން. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ލޯންޗްގެ މައްސަލައިގެ ތަހުގީގު ނިންމައި މި ހަފްތާ ނޫނީ އަންނަ ހަފްތާ އެ މައްސަލައިގައި ދައުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާނެ،" ރައީސް ވިދާޅުވި އެވެ. "އެއް އިރެއްގައި ކިތަންމެ ގާތް ނަމަވެސް ދައުލަތުގެ ކިތަންމެ މަތީ މަގާމެއް ފުރުއްވި ނަމަވެސް ތިބޭފުޅުން ގަބޫލު ކުރައްވާ! ހަގީގަތަކީ އަދީބަކީ މިފަދަ ނުރައްކާތެރި ކަމެއް ނުކުރާ މީހެއް ކަމަށް ހެދޭނެ ހަމަ އެއްގޮތެއް ވެސް އެއީ ނެތް ގޮތެއް،"

ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގައި އަދީބު ހިންގެވި ބޮޑު ހިޔާނާތް ދައުލަތުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ނުހުއްޓުވުނީ އަދީބަކީ ރައީސް އާ އެހާ ގާތް އަދި ސަރުކާރުގެ ތެރޭގައި ވެސް ވަރަށް ނުފޫޒު ގަދަ ބޭފުޅަކަށް ވުމުން ކަމަށް ވެދާނެ ކަމަށް ރައީސް ވިދާޅުވީ އެވެ. އެމަނިކުފާނު ވިދާޅުވީ އަދީބު ކަމެއް ކުރައްވަމުން ގެންދެވި އިރު އެކަމެއް އަދީބު ކުރައްވަމުން ގެންދަވަނީ ރައީސް އަށް ނޫނީ ކެބިނެޓްގެ މިނިސްޓަރުންނަށް އެނގިގެން ނޫން ކަމަށެވެ. އަދި ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވާ ބޭފުޅަކީ ވެސް އަމިއްލަ ޒިންމާތަކެއް ރައްޔިތުންނަށް ވަފާތެރި ވުމުގައި ހުންނަން ޖެހޭ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަދީބު ނެންގެވި ފައިސާ އަކީ ކެބިނެޓްގެ މިނިސްޓަރުންނާއި ހަމަޔަށް އަދި ހުދު ރައީސްއާ ހަމަޔަށް އަންނާނެ ފައިސާއެއް ނޫން ކަމަށެވެ. އަދި އަދީބު ކަމެއް ކުރެއްވި ގޮތާ މެދު ޒިންމާވެ ވަޑައިގަންނަވަން ޖެހޭނީ އެމަނިކުފާނު ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ކުށްވެރިކުރަންވީ ހަޒާނާއި އަދީބު ފައިސާ ނެގީމައި އެކަން. އެކަން އެގޮތަށް އެބޭފުޅާ ކުރެއްވީމައި އެކަން. އެއީކީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކަށް އަދި ރައީސްއަކަށް އިނގިގެން ކުރައްވާފައިވާ ކަމެއް ނޫން. މިސާލަކަށް ކިހިނެތްތޯ އަޅުގަނޑަށް އިނގޭނީ ތޯރިގް މިކަން މި މަޝްރޫއު ހިންގެވީ ޑެންޑަރު ކުރައްވައިގެން އެންމެ ރަނގަޅު ބަޔަކަށް ދެއްވައިގެން ކަން. އެކަމެއް އިނގޭނީ އެކަން ބަލައި ތަހުގީގު ކުރީމައި. އަދީބުގެ ކަންކަން ބަލައި އެކަން އެނގުނީމާ އެ އޮތީ ފިޔަވަޅު އަޅާފައި. އެއީ ނޫންތޯ ރައީސްގެ ޒިންމާ އަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަމާއި އެހެން ވެސް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ސަރުކާރުން ކުރާ އިރު ނުކިއްސަރު ކަންތައްތަކެއް ހިނގުމަކީ ވެދާނެ ކަމެއް ކަމަށެވެ. އަދި އެކަން އިނގޭ ހިސާބުން އެ ކަންކަން އިސްލާހުކޮށް އެފަދަ ކަމެއް ހިންގި ފަރާތްތަކާ ދެކޮޅަށް މި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމަށް ސަރުކާރުން ކުރިއަށް އޮތްތަނުގައި ވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ހުރިހާ ދަތިތަކެއް މިހެން ހުރެމެ ވެސް އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ހިދުމަތްތައް ވައުދުތައް ކަންކަން އަޅުގަނޑުމެން ދާނީ ފުއްދައިދެމުން،" ރައީސް ވިދާޅުވި އެވެ.