ސާޖިދާ މުހައްމަދު

ކިޔެވުމާ އެއްވަރަށް ކުޅިވަރު މުހިއްމު: ސާޖިދާ

ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައިވެސް ކުދިން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގަތީ މިއަދު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

"ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާ ކަމެއް ނޫން. އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބަލައިގެން ކުރިއަށް ދިއުން މުހިއްމު،" މެޑަމް ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފެސްޓް ކުރިއަށް ގެންދިޔައީ މިދިޔަ ނޮވެންބަރު 30 އިން މިއަދުގެ ނިޔަލަށެވެ.

މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެކި ސްކޫލްތަކުން ޖުމްލަ 1،000 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ.